ތުުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާ: ކައުންސިލް

ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. ތުލުސްދޫގައި ކްރިސްމަސް ފާހަގަ ކުރުމަކީ މަނާކަމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.


ތުލުސްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރިމަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ހަފްލާތައް ބާއްވަން އުޅޭ ކަމަށާއި އެކަން އިޝްތިހާރު ކުރަން އިޝްތިހާރު ތަތްކުރަމުން އަންނަ ކަން ވެސް ކައުންސިލަށް އެނގޭ ކަމަށެވެ. އެފަދަ ހަފްލާއެއް ބާއްވާ ނަމަ އެކަން ހުއްޓުވާނެ ކަަމަށާއި އެގޮތަށް ހުއްޓުވުމުން ދިމާވެދާނެ ކަމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުންޏެވެ. ޣައިރު ދީންތަކުގެ އެފަދަ ކަންކަން ފާހަގަ ކުރުމަކީ ރާއްޖޭގެ ގާނޫނުތަކުގައި ވެސް މަނާކަމެއް ކަމަށް އިއުލާންގައި ބުނެފައި ވެ އެވެ.

"...އަދި އެފަދަ ހަފްލާއެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަންކަން ތުލުސްދޫ ކައުންސިލުން ހުއްޓުވާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމަވެ. މި ހަފްލާތައް ހުއްޓުވުމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ކަމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" އިއުލާނުގައި ވެ އެވެ.

ކްރިސްމަސް ފާހަގަ ކުރުމަށް ރާއްޖޭގެ ރިސޯޓްތަކުގައި ކޮންމެ އަަހަރަކު ބޮޑެތި ހަފްލާތައް ބާއްވަ އެވެ. އެކަމަކު މީހުން އުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި އެފަދަ ހަފްލާތައް ބާއްވާ ކަމެއް ނޭނގެ އެވެ.