މާފުށީގައި އުޅޭ ބިދޭސީއެއްގެ ގެއިން 200 އަށް ވުރެ ގިނަ ބިޔަރު ދަޅު ހޯދައިފި

ކ. މާފުށީގައި ބިދޭސީއަކު އުޅެމުން އައި ގެއިން 200 އަށް ވުރެ ގިނަ ބިޔަރު ދަޅާއި 42 ރާ ފުޅި، ފުލުހުން ރޭ ހޯދައިފި އެވެ.


ފުލުހުން ބުނީ މި މައްސަލައިގައި 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގަމުން އަންނަ މާފުށީގައި ބަންގްލަދޭޝްގެ އެ މީހާ އުޅެމުން އައި ގެޔަށް ފުލުހުން ވަދެ ފާސްކުރީ، ބިޔަރު ދަޅުތަކަކާ އެކު ބަނދަރުމަތިން އޭނާ ހައްޔަރުކުރުމަށް ފަހު އެވެ. ބަނދަރުމަތީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އޭނާ ހައްޔަރުކުރި އިރު އަތުގައި ހަތް ދަޅު ބިޔަރު ހުރި ކަމަށް، ފުލުހުން ބުނެ އެވެ.

އޭނާއާ އެކު ގޮސް އެ ގެ ފާސްކުރި އިރު 203 ބިޔަރު ދަޅުގެ އިތުރުން އެކި ބްރޭންޑްތަކުގެ 42 ރާ ފުޅި ވެސް ފެނުނެވެ.

ގެސްޓްހައުސް ހިންގިޔަސް މީހުން އުޅޭ އެއްވެސް ރަށެއްގައި ބަނގުރާ ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރި ކުރުން މަނަ އެވެ.