މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލައިފި

ފުރުގާން މިސްކިތަށް އެރުމަށް ޓަކައި އަމީނީ މަގުގެ ކަފިހި ހުރަހެއްގެ މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެކްސިޑެންޓް ކޮށްލައިފި އެވެ.


ފުލުހުން ބުނީ މިރޭ 7:40 ހާކަންހާއިރު ހިނގި އެކްސިޑެންޓުގައި، ސައިކަލުން ޖެހުނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކަމަށާއި އޭނާގެ ބޯ ފަޅައިގެން ދިއުމުން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްކޮށްލި ސައިކަލް ދުއްވަން އިން މީހާ، ފިލާފައިވާ ކަމަށާއި އެހެން ނަމަވެސް، ސީސޓީވީ ފުޓޭޖް މެދުވެރިކޮށް، އެ ސައިކަލް ދެނެގަނެ، ޓޯކޮށްފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ ހޯދަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.