ރެސްޓޯރެންޓެއްގައި ބަނގުރާ ވިއްކި ކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި

މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރާ ބޮއެ، ވިއްކާ ހެދި ކަމުގެ ތުހުމަތަށް ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު ލިބުނު ކަމަށާއި ފުލުހުން އެ ރެސްޓޯރެންޓަށް ގޮސް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެ މީހުން ގެންގުޅުނު ތިން ދަބަސް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ގިނަ އަދަދެއްގެ ފުޅިތައް އެ ދަބަސްތަކުގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 34 އަހަރާއި 50 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 38 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެކެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.