ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ދެ އަހަރުގެ ކުއްޖަކަށް އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އެ ކުދިންގެ ނަމާއި އެ ހާދިސާ ހިނގި ރަށެއް ފުލުހުންނެއް އާންމެއް ނުކުރެ އެވެ.
ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 75 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން 20 މައްސަލައަކީ ކުޑަކުދިންނަށް ކޮށްފައިވާ ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކެވެ.