މަސްތުވާތަކެއްޗަށް ޒިންމާވާންޖެހޭ ގޮތް ސުޕްރީމް ކޯޓުން އަލުން މާނަކޮށްފި

މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުކުރުމުގައި ސުޕްރީމް ކޯޓުން ކުރިން ގާނޫނު މާނަކޮށްފައިވާ ގޮތާ ދުރުވާންޖެހޭ ކަމަށް އެ ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.


މަސްތުވާތަކެތި ގެންގުޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ދެ ނިންމުމެއްގައިވާ ގޮތުން މީހެއްގެ ހިޔާޒަތުގައި (މީހެއްގެ ބާރު ފޯރާ ގޮތަށް، އެ މީހެއްގެ އެއްޗެއްގެ ގޮތުގައި ބެލެވޭ ގޮތަށް) މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ، އެއީ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެކެވެ. އަދި މަސްތުވާއެއްޗެއް މީހަކު ހިޔާޒަތުގެ ދަށުން ފެނުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ގަރީނާއެއް ކަމަށާއި އެހެންވެ، އެފަދަ ތަކެއްޗާ މެދު ޒިންމާ އުފުލަންޖެހޭ އެހެން މީހަކު ނުދެއްކޭ ނަމަ، އެ މީހަކު އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް އޭރު އެ ކޯޓުން ނިންމާފައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ މާއްދާއެއްގެ ދަށުން އޭރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އެ މާނަކުރުމާ ދުރަށް ދިއުމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ގދ. ނަޑެއްލާ އަތަމާގޭ އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމުގަ އެވެ.

ކުރިން ގާނޫނު މާނަކޮށްފައިވާ ގޮތް ރަނގަޅެއް ނޫން

އެ ހުކުމުގައިވާ ގޮތުން، މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްގެ ގޮތުގައި އެ ކޯޓުން އޭރު ނިންމި ނިންމުންތައް ބިނާކުރީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދެވަނަ މާއްދާއާ ހަވާލާދީ ކަމަށް ވިޔަސް، އެ މާއްދާއަކީ މުތުގަލު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އަދި މައުނަވީ ރުކުން ސާބިތުކުރުމެއް ނެތި އެ ކުށް ސާބިތު ކުރުމުގެ ބޭނުމުގައި އޮތް މާއްދާއެއް ނޫނެވެ. އެ މާއްދާގެ ބޭނުމަކީ އެއް ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ ވިޔަފާރީގެ ބޭނުމަށް އެ ތަކެތި ގެންގުޅުން ކަމަށް ބެލުން ކަމަށް އެ ހުކުމުގައިވެ އެވެ.

ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން މައުނަވީ ރުކުން ސާބިތުކުރުމެއް ނެތި ކުށް ސާބިތުވާ ކަމަށް ނިންމުމުގެ ފުރުސަތު އޮތަސް، މަސްތުވާތަކެއްޗާ ބެހޭ އެ ގާނޫނުގެ އެ މާއްދާގެ އިބާރާތާއި މަގްސަދު އެގޮތަށް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ގާނޫނުގެ އެ މާއްދާ އޭރު ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތީ ރަނގަޅަށް ކަމަށް ނުވާތީ އެ މާނަކުރުމާ ދުރަށް ދާންޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ތާއީދު ކުރެއްވި އެ ހުކުމުގައިވެ އެވެ.

"ސުޕްރީމް ކޯޓުން މާނަކުރައްވައި، ތަތުބީގް ކުރައްވާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނ. ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ މާނަކުރުމާ ދުރުވާން ޖެހެ އެވެ." ގާނޫނީ ނުކުތާއަކާ މެދު ދީފައިވާ މާނަ ކުރުމަކާ ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ދުރަށް ދިޔަ އެ ހުކުމުގައިވެ އެވެ.

ހިޔާޒަތުގެ ދަށުން ފެނުނަސް ނުފުދޭނެ، ގުޅުވާލެވޭ އިތުރު ހެކި ހުންނަން ޖެހޭ

އެ ހުކުމުގައި ބުނެފައިވާ ގޮތުން މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެންނަ ފެނުމުގެ މައްޗަށް އެކަނި ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ގޮތަށް ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއް ހަނިކުރުން ކަމަށްވާނެތީ އެކަން ކަނޑައެޅޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގައި އެގޮތަށް ބުނެފައި ނެތުމުން އެ ގާނޫނުގެ ދަށުން ދައުވާކުރާ އެފަދަ މައްސަލަތަކުގައި ކުށް ސާބިތުވާނީ ގާނޫނު އަސާސީގައި ބުނާ އާންމު އުސޫލުން މައުނަވީ ރުކުނާއި މާއްދީ ރުކުން ދައުލަތުން ސާބިތުކޮށްދީގެން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"މަޖިލީހުން ހަދާ ގާނޫނެއްގައި ސާފުކޮށް ބަޔާންކޮށްފައި ނުވާ ނަމަ، ކުށް ސާބިތުކުރުމުގައި ކޯޓުތަކުން އަބަދުވެސް ރުޖޫއަވާން ޖެހޭނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ. އެ ނޫން ގޮތަކަށް އަމަލުކުރުމަށް ކޯޓުތަކަށް އިހްތިޔާރު ލިބިގެންވާ ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ." ސުޕްރީމް ކޯޓުގެ ހުކުމް ލިޔުމުގެ ފޯމެޓަށް ގެނައި ބަދަލާ އެކު، ފުރަތަމަ ކުރި އެ ހުކުމުގައިވެ އެވެ.

އެހެންވެ، މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާ އެއްޗެއް ފެނުނަސް، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާނީ އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭ އިތުރު ހެކިތަކެއް ނުވަތަ އެފަދަ އެއްޗެއް އޮތްކަން އޭނާ އަށް އެނގޭ ކަމުގެ ހެކިތަކެއް ހުރެގެން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ރާއްޖޭގެ ކޯޓުތަކުން ވެސް ބައެއް ނިންމުންތައް އެގޮތަށް ނިންމާފައިވާ ކަމަށާއި އެ ނިންމުންތަކަށް ތާއީދުކުރެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން މަނާ އެއްޗެއް ގެންގުޅުމުގެ ކުށް ސާބިތުކުރުމުގައި އެ އެއްޗެއް ހޯދުމަށް ދައުވާލިބޭ މީހާ ކުރި އަމަލެއް ނުވަތަ ނުވަތަ އަތުގައި ބެހެއްޓުމުގެ ނިޔަތް އޮތްކަން ސާބިތުވާން ޖެހޭ ކަމަށް ބޭރު ބައެއް ގައުމުތަކުގެ ކޯޓުތަކުން ނިންމާފައި ހުރިކަން ވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެ ހުކުމުގައިވާ ގޮތުން އޭގެ ބޭނުމަކީ މީހުންގެ މަނާ އެއްޗެހި ތަންތަނަށް ލުމަށް ފަހު އެހެން މީހުން ބޮލުގައި އޭގެ ޒިންމާ އަޅުވައި، ނަހަމަ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުންކުރުމުގެ ފުރުސަތު ނުދިނުމެވެ.

ފަނޑިޔާރު ސުއޫދު ލިޔުއްވި އެ ހުކުމުގެ ނުކުތާތަކަށް ތާއީދު ކުރެއްވުމުގެ އިތުރުން ފަނޑިޔާރު ޝުޖޫން އިތުރު ކަމެއްގެ ގޮތުގައި އެ ހުކުމުގައި ފާހަގަ ކުރައްވާފައިވަނީ ކުށް ސާބިތުކުރަން އެކަށީގެންވާ ހެކި ހުށަހެޅިފައި ނެތީސް، ޖިނާއީ އަދުލުގެ ނިޒާމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ ގާނޫނުގައި އޮތް މިންވަރަށް ވުރެ ދަށް މިންގަނޑަކުން ކުށް ސާބިތެއް ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލައަކީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލައެއް ކަމަށްވާތީ އެ ހުކުމުގައި ފާހަގަ ކޮށްފައި އޮތީ ކުރީގެ ގާނޫނުގެ ވާހަކަ އެވެ. އެހެންވެ، މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކަށް އެ ހުކުމުގެ އުސޫލުތައް ހިނގާނެ ކަން ނުވަތަ ނޫން ސާފެއް ނޫނެވެ.