ދެ ކިލޯ ޑްރަގް، ހެކި ހޯދި ގޮތް ގޯސް، ސުޕްރީމް ކޯޓުން ވެސް ކާމިޔާބެއް ނުވި

އޮފީހެއްގެ ތެރެއިން ދެ ކިލޯއަށް ވުރެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެއްގައި ފުލުހުން ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ގަބޫލު ކުރަން ސުޕްރީމް ކޯޓުން ވެސް ދެކޮޅު ހަދައި، އެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


އޮފީހެއް ތެރެއިން 2011 ވަނަ އަހަރު ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ރ. މަޑުއްވަރީ މުޝްތަރީގޭ ހުސައިން ސޮބާހު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން 2014 ގައި އޭނާ މިނިވަންކުރީ އެ އޮފީހަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވާތީ އެތަނުން ހޯދި ހެކިތައް ގާނޫނާ ޚިލާފްވާތީ އެވެ. އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ސޮބާހާއި އިތުރު މީހަކު މަގުމަތިން ހުއްޓުވައި، ފާސް ކުރުމަށް ފަހު އެ މީހުން އަތުން އޮފީހެއްގެ ތަޅުދަނޑިއެއް ފެނުމުން އެތަނަށް އެ ދެ މީހުން ގޮވައިގެން ފުލުހުން ގޮސް އެތަން ފާސްކުރީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެ އޮފީހުން ފެނުނު މަސްތުވާތަކެތިން ސޮބާހް އިނގިލީގެ ނިޝާން ފެނުނަސް، އޭގެކުރިން އެ މީހުން މަގުމަތިން ހުއްޓުވީ ވެސް ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށާއި އަދި އޮފީހަށް ވަނީ ވެސް ކޯޓު އަމުރެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ.

ގާނޫނާ ޚިލާފަށް ހޯދާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާ ބޭރު ކޯޓުތަކުގެ ބައެއް ނިންމުންތަކާ ހަވާލާދީ، އެ ހުކުމުގައިވާ ގޮތުން އެފަދަ ހެކިތައް ބަލައިގަތުން ގާނޫނުއަސާސީން މަނާ ކުރާތީ އެ މައްސަލާގައި ގާނޫނާ ޚިލާފަށް ހޯދި ހެކިތަކަށް ބުރަދަން ދެވޭނެ ގޮތެއް ނެތެވެ.

ފުލުހުން ހޯދީ ކުރު އަދި ގޯސް މަގެއް

ގާނޫނުއަސާސީގެ 47 ވަނަ މާއްދާ އޮތްގޮތުން ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނަކަށް ވަދެވޭނީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި އެކަނިކަން ފާހަގަކޮށް، ހުކުމުގައިވަނީ އެ އޮފީހަށް ވަނީ އެފަދަ ހާލަތެއް އޮވެގެން ކަން އެނގެން ނެތް ކަމަށެވެ. އަދި ސޮބާހާއި އިތުރު މީހަކު ގުޅިގެން މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުނު ވަގުތާއި އޭނާ ހައްޔަރުކުރި ވަގުތާ ދެމެދު ހަ ގަޑިއިރު ހޭދަވި ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޯޓު އަމުރެއް ނެތި މީސްމީހުންގެ އަމިއްލަ ތަންތަނަށް ނުވަދެވޭނެ ކަމަށް ގާނޫނުއަސާސީ ދީފައިވާ އެ ހައްގު ހަނިކޮށްފައިވާ ގާނޫނެއް އެ ހާދިސާ ހިނގިއިރު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފުލުހުންގެ އިހްތިޔާރުތަކާއި ބާރުތައް ބޭނުން ކުރުމުގެ ގަވާއިދުގެ ދަށުން އެފަދަ ތަންތަަނަށް ވަނުމުގެ ބާރު ދީފައި އޮތަސް، ގާނޫނަކުން ހަނި ނުކުރާ ހައްގެއް ގަވާއިދަކުން ހަނި ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުުކުމުގައިވާ ގޮތުން އެ މައްސަލާގައި ކަން ހިނގި ގޮތުން ގާނޫނާ އެއްގޮތަށް، ކޯޓު އަމުރެއް ހޯދަން އެކަށީގެންވާ ވަގުތު ލިބުނެވެ. އެކަމަކު އޭގެ ބަދަލުގައި ފުލުހުން އަމަލުކުރީ ފަސޭހަ އަދި ކުރު މަގަކުން ކަމަށާއި އެއީ ގާނޫނާ ޚިލާފް މަގެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހަރުދަނާ ހެކި ހޯދަން މަސައްކަަތް ކުރުމުގެ ބަދަލުގައި ފުލުހުން ޚިޔާރުކުރީ މަގްސަދު ހާސިލް ކުރުމުގެ ކުރު އަދި ފަސޭހަ، އެހެން ނަމަވެސް ގާނޫނާ ޚިލާފް މަގެކެވެ. މުޅި ހާދިސާ ބިނާވެފައިވަނީ ސައިކަލު ދުއްވަން ތިބި ދެ މީހެއްގެ ފަހަތުން ފުލުހުން ގޮސް އެ މީހުން ހުއްޓުވި ހިސާބުން ދެން ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަށެވެ." ހުކުމުގައިވެ އެވެ.

ހެޔޮ ނިޔަތަކީ ހުއްޖަތެއް އަދި އިސްތިސްނާއެއް ނޫން

ދައުލަތުން ބުނެފައިވަނީ އެތަނަށް ކޯޓު އަމުރެއް ނެތި ވަދެފައިވަނީ އޭރު ފުލުހުން އަމަލުކުރި ގަވާއިދެއްގެ ދަށުން އެ ބާރު ލިބިފައިވާތީ އެވެ. އެހެންވެ، އެގޮތަށް އަމަލުކުރީ ހެޔޮ ނިޔަތުގައި އަދި އެކަށީގެންވާ ސަބަބުތަކެއް (ޕްރޮބަބްލް ކޯޒް) އެއް އޮވެގެން ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

އެ ނުކުތާގައި ހުކުމުގައި ބުނެފައިވަނީ "ހެޔޮ ނިޔަތަކީ" އަސާސީ ހައްގަކުން މަހްރޫމް ކުރަން ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އަދި ހެޔޮޮ ނިޔަތުގައި ކަމަށް ބުނެ އަސާސީ ހައްގުތައް އެއްފަރާތް ކުރުމުގެ ފުރުސަތު ދެވުމަކީ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ލިބިދާނެ ކަމެއް ކަމަށާއި އަދި ހައްގެއް ބޭނުން ކޮށްގެން ކުށްތަކުން ސަލާމަތްވާން މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު ގާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ނަތީޖާއަކީ އެފަދަ ފަރާތްތައް އެއްކޮށް މިނިވަންވެގެން ދިއުން ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އެ މައްސަލައިން ލިބުނު ފިލާވަޅަކީ ގާނޫނުގައިވާ އިޖްރާއާތުތައް ފުރިހަމަ ނުކުރުމުން އަދަބު ލިބުން އެކަށީގެންވާ ފަރާތެއް މިނިވަންވެގެން ދިއުމެވެ. އޭގެ ސަބަބުން، އެފަދަ ކުށްތަކުން މުޖްތަމައު ސަލާމަތް ކުރަން ކުރާ މަސައްކަތް ބޭކާރު ވެގެންދާ ކަމަށާއި ގާނޫނަށް އަމަލު ނުކުރުމުގެ ނަތީޖާއަކީ ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކެއް ގެއްލުމުގެ އިތުރުން މުޖްތަމައުގެ މަސްލަހަތުތަކެއް ގެއްލުން ކަމަށް ވެސް ހުކުމުގައި އިތުރަށް ބުނެފައިވެ އެވެ.

"އެހެންކަމުން މިފަދަ ކުށްތަކުން މުޖްތަމައުގެ ސަލާމަތް ކުރެވޭނީ ފުލުހުން ހިިންގާ ތަހުގީގުތަކާއި އޮޕަރޭޝަންތައް ގާނޫނީ އިމުގެ ތެރެއިން ކޮށްގެންނެވެ." ހުކުމުގައިވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ސޮބާހްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތް ވިޔަސް، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާ މިހާރު ގެންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.