ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުށްވެރިވެފައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުންގެ މައްސަލަތައް އަވަސްކޮށްދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު ލ. ފޮނަދޫގައި ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ އދ. މަޖިލީހުގެ ބައިވެރިވުމާ އެކު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ފަށާފައިވާ މަޝްވަރާތަކުގައި، އެންމެ ބޮޑަށް ހުށަހަޅާފައިވާ އެއް ކަމަކީ ނަޝީދާއި ސިޔާސީ އެހެން ބޭފުޅުންގެ މައްސަލަތައް އަވަސް ކޮށްދިނުން ކަމަށެވެ. އެ އިލްތިމާސް ސުޕްރީމް ކޯޓުގައި އެ މަނިކުފާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު މި އިލްތިމާސް އަޅުގަނޑު ނުކުރި ނަމަވެސް އެކަން އެގޮތަށް ވާންވާނެ. ނިޒާމުގެ ތެރެއިން އެކަން އެހެން ވާންވާނެ. އެއީ، ޖުޑީޝަރީގެ މައްޗަށް ވެސް އޮތް ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގައި ދަންނަވާނަން، ރައީސް ނަޝީދުގެ މައްސަލަ ކޮންމެވެސް އެއްގޮތަކަށް އަވަހަށް ނިންމަވައި ދެއްވަން. ނިންމަވައިދެއްވީމަ، ދެން އެ ހިސާބުން އަނެއްކާ ވެސް އަޅުގަނޑުމެން ޗާޓް ކޮށްގެން ކުރިއަށް ދާންވީ ގޮތް އެނގޭނީ. ހަމަ ދެން ތިއްބެވި ބޭފުޅުން ވެސް، އެ ބޭފުޅުންގެ މައްސަލަތައް އަވަހަށް ނިމިގެން ކުރިއަށް ދެވޭނީ."

އެ މަނިކުފާނަކީ ޖުޑިޝަރީގެ ނިންމުންތަކާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، ވިދާޅުވީ މައްސަލަތައް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. މައްސަލަތައް ނުނިމި ލަސްވާ ނަމަ، އެ ކަންކަން އަވަސްކޮށްދޭން އެދިވަޑައިގަތުމަކީ ގާނޫނު އަސާސީން އެ މަނިކުފާނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މައްސަލަތަަކަށް ހައްލު ހޯދަން މޭޒު ކައިރީގައި މަޝްވަރާކޮށް، "ކޮންމެވެސް ގޮތަކަށް ސުލްހަވެވެން ޖެހޭ" ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި: އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި. --ފޮޓޯ: ސޯޝަލް މީޑިއާ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި: އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި. --ފޮޓޯ: ސޯޝަލް މީޑިއާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު މިހާރު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސި ވިލާތުގަ އެވެ. ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ނުގެންދެވިފައި ވަނީ ނަޝީދު މިނިވަން ނުކުރަނީސް މަޝްވަރާގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދުމުންނެވެ.

ނަޝީދުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި ޕްރޮސިކިއުޓަ ޖެނެރަލް ވެސް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޕީޖީން ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ.