އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވެ، އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔެއް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި ސިޓީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބާތިލް ކުރައްވައިފި އެވެ.

މިނިސްޓަރު އަމީންގެ މި ނިންމެވެން އައިއިރު، އެޗްޕީއޭގެ ސިޓީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔަކަށް ވެސް އެދިފަ އެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރަށް، މިނިސްޓަރު އަމީން މިއަދު ފޮނުއްވި މެމޯއެއްގައި ވަނީ އަންހެނުން ހިތާނު ކުރުމާ މެދު ދެކޭ ގޮތް ބެލުމަށް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި އެ ސިޓީ ބާތިލް ކުރުމަށް އަންގަވައިފަ އެވެ. އެގޮތުން އަންހެނުން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމުގައި ލަފާ ހޯދަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ނަމަވެސް، އަންހެނުން ހިތާނު ކުރުމާ މެދު އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތެއް ބެލުމަށް އެޗްޕީއޭ އިން އެދެން ޖެހުނީ ކީއްވެ ކަމެއް ނޭނގެ އެވެ.

އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށެވެ.

އަންހެނުން ހިތާނުކުރުމުގެ ކަންކަން ރާއްޖޭގައި ވެސް ކުރާ ކަމަށް ވާހަކަ ދެއްކެވެ އެވެ. އަންހެނުން ހިތާނުކުރުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވާތީ އެކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ލަފާދެ އެވެ.