ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާ އެވޯޑްސް" ޖެހިޖެހިގެން ދެ ވަނަ ފަހަރަށް، ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ރޭ ހޯދައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ކަލާސް އެވޯޑް ހާސިލްކުރި ނިޝްވާން ވަނީ ކޮމަންވެލްތް ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އަދި ފެތުމުގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކްގެ ގައުމީ ރެކޯޑާއި ބެކްސްޓްރޯކް 50 މީޓަރުގެ ގައުމީ ރެކޯޑްވެސް އޭނާ ވަނީ ހަދައިފަ އެވެ.
އޮލިމްޕިކް ކޮމެޓީގެ ސްކޮލަޝިޕެއްގެ ދަށުން ނިޝްވާން މިހާރު އަންނަނީ އެފްރިކާގައި ތަމްރީނު ހަދަމުންނެވެ.
"ކަލާސް އެވޯޑް ނައިޓް" ގައި މިދިޔަ އަހަރު ބޭއްވި އެކި މުބާރާތްތަކުން ވަނަ ތައް ހޯދި 130 ދަރިވަރަކަށް އެވޯޑު ދިނެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކަލާސް އެވޯޑުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަރިވަރުން ކާމިޔާބު ހޯދުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ. އަދި ސްކޫލު ދައުރަކީ ކުޅިވަރުގެ މައިދާނަށް ދަރިވަރުން ނުކުންނަން ލިބޭ އެންމެ ބޮޑު އެއް ހިތްވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުޅިވަރަކީ ސަރުކާރުން އިސްކަން ދީގެން ތަރައްގީކުރަމުން އަންނަ އެއް ދާއިރާ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު އެރީނާތަކާއި ފުޓްސަލް ދަނޑުތައް މިހާރު ވެސް އަޅަމުން އިރުތިޝާމް ފާހަގަކުރެއްވި އެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް ކުޅިވަރުގެ ދާއިރާއަށް އެހީތެރިވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ތެރޭގައި ވެސް ކާމިޔާބު ދަރިވަރުންތަކަކަށް ހެދުމަށް ދެމުން އަންނަ ސްޕޯޓްސް ސްކޮލަޝިޕްގެ މަގުސަދު ހާސިލްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދަރިވަރުން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނަ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ދޭން ފެށި ކަލާސް އެވޯޑު ލިބޭ ދަރިވަރުންގެ އަދަދު މިއަހަރު 40 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ވަނީ ސްޕޯޓްސް ސްކޮލަޝިޕް ލިބުނު 12 ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.