ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ބ. ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.


ފުލުސް އޮފީހުން ބުނީ، އުމުރުން 67 އަހަރުގެ އެ ފިރިހެން މީހާ ގެނބުމުން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ދަރަވަންދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. އަދި އެ މީހާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މަރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެނބިގެން މަރުވުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް، ގެނބިގެން މަރުވާ މީހުންގެ ތެރޭގައި ޗައިނާގެ މީހުން ގިނަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޗައިނާގެ ދެ ޓޫރިސްޓަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.