މެމްބަރުން ކުރިން ބޭނުން ކުރެއްވި ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރިން ބޭނުންކުރެއްވި ކޮމްޕިއުޓަރުތަކެއް މަޖިލީހުގެ އިދާރާ އިން އައްޑޫ ހިތަދޫ ސްކޫލަށް ހަދިޔާކޮށްފި އެވެެ.


ހިތަދޫ ސްކޫލުން މިއަދު ބުނީ، މަޖިލީހުގެ އިދާރާގައި އެދުނު އެދުމަކާ ގުޅިގެން ސްކޫލަށް ހަދިޔާކޮށްފައި ވަނީ 60 ކޮމްޕިއުޓަރު ކަމަށެވެ. މިއީ، މަޖިލީހުގެ އިދާރަގައި ކުރިން މެމްބަރުން ބޭނުން ކުރައްވަމުން ގެންދެވި ސިސްޓަމްތައް، ޓެބްލެޓަށް ބަދަލުކުރުމާ ގުޅިގެން ބޭނުން ނުކުރައްވައި ބަހައްޓާފައި ހުރި ކޮމްޕިއުޓަރު ތަކެވެ.

ހިތަދޫ ސްކޫލަށް ކޮމްޕިއިޓަރު ހަދިޔާކުރަން ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީ އަށް ގުޅުއްވައި ސްކޫލާ ބެހޭ ގޮތުން ބައެއް މައުލޫމާތު ވެސް ސާފުކުރައްވައިފަ އެވެ.

އެގޮތުން ސްކޫލްގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތާއި އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައިވެ އެވެ.

ހިތަދޫ ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލެކެވެ.