ވަޅީގެ ހަމަލައާ ގުޅިގެން، އިނގިރޭސި ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެދިއްޖެ

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާއާ ގުޅިގެން، އިނގިރޭސި ވިލާތުގެ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެ ގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.


ޗައިނާގެ ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ އާއި އޮސްޓްރޭލިއާގެ މީހަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ ޓްރެވެލް އެޑްވައިޒަރީ އަޕްޑޭޓްކޮށް ބުނީ، ހަމަލައިގެ ޒިންމާ ނަގާފައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ދިމާވެދާނެ ނުރައްކަލަށް ސަމާލުވާންޖެހޭ ޖެހޭ ކަމަށެވެ.

އިނގިރޭސި ވިލާތުން އަބަދުވެސް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގެ އަޕްޑޭޓްގައިވާ ގޮތުން، ޓެރަރިސްޓުން ރާއްޖޭގައި އެފަދަ ހަމަލާތައް ދިނުން އަދި ވެސް ވަރަށް ގާތެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަންގާރަ ދުވަހުގެރޭ 7:50 ހާއިރު ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ބައިވެރިވެ އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ދާދި ފަހުން ޚާއްސަ އޮޕަރޭޝަނެއް ހިންގި ރ. މަޑުއްވަރީގެ ބަޔަކު ވެސް އެ ހަ މީހުންގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު، ފުލުހުން އަދި އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދަކުން ދިން މި ހަމަލައިގެ ޒިންމާ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބެލެވޭ ޖަމާއަތަކުން ނަގާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ރޭ ވީޑިއޯއެއް އާންމުކުރި ނަމަވެސް އޭގެ ސައްހަކަން ދިވެހި ފުލުހުންނަށް އަދި ނުބެލެ އެވެ. އަދި އެފަދަ ވީޑިއޯތައް ޝެއާ ކުރާތީ ކަންބޮޑުވުން ފާޅުކޮށް، ފުލުހުން މިރޭ ބުނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެއީ ކުށެއް ކަމަށެވެ.

އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސި ވިލާތުން އަބަދުވެސް ރާއްޖެ އަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައި ވެ އެވެ. އެއީ، އެކި ހާލަތުތަކާ ގުޅިގެން އަޕްޑޭޓް ކުރާ އެޑްވައިޒަރީ އެކެވެ.

ރާއްޖޭގައި އުޅޭ ތިން ބިދޭސީއަކަށް ދިން ވަޅީގެ ހަމަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވީ، "މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް 'ސީރިއަސް' ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ. އަދި ދިވެހިންނާއި ޜާއްޖޭގައި އުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަންގާރަ ދުވަހުގެ ރޭގެ ވަޅީގެ ހަމަލަ އަމާޒުވި ތިން ބިދޭސީންގެ ތެރެއިން މިހާރު ވެސް ދެ މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. މި ހަމަލައިގެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް ވެސް މިހާރު ވަނީ އައިސްފަ އެވެ.