ނަޝީދުގެ ވަކީލު ޖެންސާ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިންގައި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ ހިމެނޭކަން އެނގިއްޖެ އެވެ.


އެނގިފައިވާ ގޮތުގައި ގާނޫނީ ގޮތުން، ބެއިން ކެޕިޓަލް ތަމްސީލުކުރަން ޖެހޭ ހާލަތްތަކުގައި މަސައްކަތްކުރާ ލޯޔަރުންގެ ތެރޭގައި ޖެރެޑް ޖެންސާ ހިމެނިވަޑައިގަންނަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިކަން އެނގިފައި މިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކޮށްފައިވާ މުއާމަލާތާ ގުޅުވައިގެން އަވަސް ހައްލެއް ނުހޯދައިފި ނަމަ ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ޓީއެމްއޭގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުން މުހިއްމު ކަމަށް ރޭ ވިދާޅުވުމަށް ފަހު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. މި ބަދަލާ، އެމަނިކުފާނު ގުޅުވަނީ ކުރީގެ ސަރުކާރުގައި އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ހިންގި މުއާމަލާތްތަކަށެވެ.

އެމެރިކާ އަށް ނިސްބަތްވާ ޖެންސާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެމަނިކުފާނު އެކުލަވައިލެއްވި ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލެއްގެ ގޮތުގަ އެވެ.

ޖެންސާ ވަކާލާތު ކޮށްދެއްވާ ބެއިން ކެޕިޓަލް އަކީ ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގެ މައި ކުންފުންޏެވެ. އެ ކޮންސޯޓިއަމްގައި ދެން ހިމެނެނީ ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަަސް ސާވިސަސް ހޯލްޑިން އެވެ.

އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ޓީއެމްއޭ އިން އަމިއްލަ އަށް އެދިގެން އިއްޔެ ދިޔަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭ އަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުންޏެވެ.

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުންޏެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.