އިންތިހާބުގައި ނަޝީދު ވާދަކުރުމާއި އެހެން ހައްގުތައް ހޯދަން އދ. އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންސާނީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އެ ހައްގުތައް އެމަނިކުފާނަށް އަނބުރާ ހޯދައިދޭން އެދި އދ.ގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީ އަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.


ނަޝީދުގެ ވަކީލުން އދ. އަށް ހުށަހެޅި މައްސަލާގައި، އެމަނިކުފާނު 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ވެސް ހޯދައިދޭން އެދިފައިވެ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުކޮށް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޓެރަރިޒަމް ކުށުގެ ދައުވާކޮށް ޝަރީއަތް ހިންގުމުގެ ހުރިހާ އިޖުރާއަތުތަކާ ހިލާފަށް އަވަސް އަރުވާލައިގެން 19 ދުވަހުގެ ތެރޭގައި ކަން މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ވަކީލުން ބުނެފައިވާ ގޮތުގައި، ބޭއިންސާފުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ ސަބަބުން މަދަނީ ސިޔާސީ އެތައް ހައްގުތަކެއް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިނުގަތުމާއި އަދަބު ލުއިކުރުމާއި މާފް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ޕާޓީގެ އިސް މަގާމެއްގައި ހުންނެވުން ނިގުޅައިގަތުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭގޮތަށް ހަދާފައިވުން ވެސް ހިމެނޭ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ބޭއިންސާފުން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ކަން ވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް އިއްވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގަންނަން އޮތް އެންމެ ފަހުގެ އުއްމީދަކީ ސުޕްރީމް ކޯޓެވެ. އެކަމަކު ދަށު ކޯޓުން އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އިންތިހާބުގައި ވާދަކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާ ނަމަ އެވެ. މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް މާފު ދެއްވި ނަމަވެސް 2018 ގެ އިންތިހާބުގައި މިހާރު އޮތް ގޮތުން ނަޝީދަށް ވާދައެއް ނުކުރެވޭނެ އެވެ. ސަބަބަކީ ގާނޫނު އަސާސީގައި ބުނާ މުއްދަތު ނުލިބޭނެތީ އެވެ.