މެދުރާއްޖެތެރޭގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ މިއަދު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާގެ 32 އަހަރުގެ ދޮންބައްޕަ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އެތަނުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލައިގައި އެ ކުއްޖާގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނެއް އާންމެއް ނުކުރެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން ހަދާފައިވާ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބޭ އަނިޔާ ރިޕޯޓުނުކޮށް ސިއްރުކޮށްފި ނަމަ މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.