އައްޑޫގެ ރައްޔިތުންގެ އިހްސާސްތަކާއި ބޭނުންވެފައި ތިބި ބަދަލު އެނގިވަޑައިގަންނަވާ ކަމަށާއި އަމާޒަކީ ރައްޔިތުން ބޭނުންވާ ބާރުވެރިކަން ހޯދައިދީ ތަރައްގީގެ މަޝްރޫއުތައް ސްޕީޑުގައި ހިންގެވުން ކަމަށް ޕީޕީއެމްގެ ޓިކެޓުގައި މޭޔަރަކަށް ވާދަކުރައްވާ މުހައްމަދު ލަތީފް (ވޮލީ ލަތީފް) ރޭ ވިދާޅުވެއްޖެ އެވެ.
އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕީޕީއެމްގެ ކެމްޕޭން، "މިއީ މަގޭ ރާއްޖެ" އިފްތިތާހު ކުރުމަށް އަލިމަސްކާނިވަލުގައި، ބިޔަ ލަޝްކަރަކާ އެކު ބޭއްވި ޖަލްސާގައި ލަތީފް ވިދާޅުވީ، ވައުދުތައް ނުފުދި ނިކަމެތި ކަމުގައި އައްޑޫގެ ރައްޔިތުން ޒަމާންތަކެއް ހޭދަކޮށްފި ކަމަށެވެ. އޭނާގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުން ބޭނުންވި ކަންކަމުގެ މައްޗަށް 100 ދުވަހުގެ ޕްލޭނެއް އެކުލަވައިލައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި އައްޑޫގެ ރައްޔިތުން އެކުވެރިކޮށް، އެއީ ފުދުންތެރި ސިޓީއަކަށް ހެދުމުގެ ގާބިލްކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. އިންތިޚާބުގައި އޭނާ ވާދަކުރައްވަނީ އެމްޑީޕީ ނުވަތަ އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކާ ނޫން ކަމަށާއި އައްޑޫގައި ހުރި މައްސަލަތަކާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެކަން ކުރެވޭނެ. އަޅުގަނޑުމެން މައި ސަރުކާރަކަށް ބަރޯސާއެއް ނުވާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ އިންވެސްޓަރުން ހޯދައިގެން އައްޑޫ ސިޓީ އަކީ ވިޔަފާރިވެރިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރާނެ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި އޭނާ އަށް އެ ވިސްނެވުމާއި މަސައްކަތް ކުރެއްވުމުގެ ރޫހާއި ހިތްވަރު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ.
މޭޔަރަކަށް އިންތިޚާބުކޮށްފި ނަމަ އައްޑޫގައި ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފައްދައި ފުދުންތެރި ސިޓީއަކަށް ބަދަލުކުރަން ލަތީފް ވައުދުވެވަޑައިގަތެވެ. ގެސްޓު ހައުސް އިމާރާތް ކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރިވެރިންނަށް ބޭނުންވާ ބިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަދި ފަތުރުވެރިންނަށް ކޮންމެ ރަށެއްގައި ވެސް ބީޗް ހެދުމަށްޓަކައި އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. މަރަދޫ ފޭދޫގެ ރައްޔިތުންނަށް ބިން ހިއްކައިދޭން މިހާރުން މިހާރަށް ވެސް ފަށަން ޖެހޭ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ދޮރުން ދޮރަށް ހިންގެވި އިރު، ތަފާތުކުރުންތައް ބޮޑުވުމުގެ މައްސަލަ އިންތިހާ އަށް އޮތް ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ލަތީފް ވައުދުވެވަޑައިގަތީ ތަފާތު ކުރުން ނައްތާލައި ހަމަހަމަކަން ގާއިމްކޮށްދެއްވާނެ ކަމަށެވެ. އެ ރަށެއްގެ އޮފީހުން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި އައްޑޫގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެ ޚިދުމަތުގައި އެންމެ ދަތިކޮށް އުޅެނީ ހުޅުދު އާއި މީދޫ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެނީ މާބަނޑު މީހުން ސްކޭން ހެދުމަށް ފޭދު އަށް ހުޅުދޫ އަދި މީދޫ ރައްޔިތުން ދާކަށް ނުޖެހޭނެއޭ. އެކްސްރޭ ނެގުމުގެ ޚިދުމަތް ވެސް ހުޅުދޫ، މީދޫ ރައްޔިތުންނަށް ލިބިގެންދާނެއޭ. އެ ރަށެއްގެ ރައްޔިތުންގެ ބާރު އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ރަށަކަށް ދޭނަން،" ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މައި ސަރުކާރަކަށް ބަރޯސާއެއް ނުވާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ އިންވެސްޓަރުން ހޯދައިގެން އައްޑޫ ސިޓީ އަކީ ވިޔަފާރިވެރިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރާނެ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ލަތީފް
އޭނާ ވިދާޅުވީ އައްޑޫގެ ބިމުން އިންޗިއެއް ވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. ގޮތް ނޭނގޭ ޓްރެއިނިން ސްކޫލެއް އެޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި ބޭރުގެ ސިފައިން އައްޑޫގައި ތިބެން ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި އަޅާ ޓްރެއިނިން ސްކޫލުގެ ހަގީގަތް ވެސް ރައްޔިތުންގެ ކުރިމައްޗަށް ގެންނަވާނެ ކަމަށާއި އެތަނުގައި ތަމްރީނު ދޭން ޖެހެނީ އެންމެ ގައުމެއްގެ ސިފައިން ނޫން ކަމަށާއި ޗައިނާ އާއި އެމެރިކާގެ ސިފައިންނަށް ވެސް އެ ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވި އެވެ.