ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ހަށިގަނޑުން ކޮވިޑް-19 ފެނިފައިވާކަން ސަރުކާރުން މިރޭ އިއުލާން ކޮށްފައިވާއިރު، މިއީ ހިޔާލު ތަފާތުންތައް ދޫކޮށްލައި، އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، މިރޭ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މާތް ﷲ ގެ ހަޟްރަތުގައު ވާގި އެދި ތިބެ މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
"ޔާ ﷲ، ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމުން އަޅަމެން ސަލާމަތް ކުރައްވާފާނދޭވެ އާމީން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމާއި ޕީއެންސީން އަަބަދުވެސް އިސްކުރާނީ ދީނާއި ގައުމެވެ. އަދި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރާ މަސައްކަތުގައި އެ ދެ ޕާޓީގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް-19 ނުފެންނަނީސް ވެސް ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ މަހުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑައިލިކަން ވެސް އިއުލާންކޮށްފަ އެވެ.
އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 އަށް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެގޮތުން، އެ ދެ މީހުން އެ ބައްޔަށް ޝައްކުވި ހިސާބުން (އިއްޔެ ހަވީރުން ފެށިގެން) ކުރެއްދޫ ރިސޯޓު ވަނީ ކަރަންޓީނު ކޮށްފަ އެވެ.