ދުނިޔޭގައި ބާރުމިނެއްގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު 6،000 އަށް ވުރެ ގިނަ ބިދޭސީންނަށް ދީފައިވާ ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ޗައިނާގެ ވުހާން ޕްރޮވިންސް އިން ފެނުނު މި ބަލި މިހާރު ވަނީ ގިނަ ގައުމަކަށް ފެތުރިފަ އެވެ. މި ބައްޔަށް ރާއްޖެ އިން ވެސް ހަތަރު ބިދޭސީއަކު ވަނީ މިހާރު ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

އެމްއާރްސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ބިދޭސީންނަށް މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިއީ އެތަނުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ އެއް ކަން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ،

"އަޅުގަޑުމެންގެ ތެރޭގައި މިހާރު ވެސް ބިދޭސީންނަށް ތަފާތުކޮށް ކަންތައްތައް ކުރުމަކީ، އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައި ހުންނަ ކަމެއް. އަޅުގަނޑުމެން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ވަރަށް އެދޭ ކަމެއް ބިދޭސީންނަށް ވެސް ތަފާތު ނުކުރުން، އެއީ ވެސް ހަމަ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ އިންސާނުން،" ހިމްޔާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއާރްސީން ބުންޏެވެ. އަދި ރާއްޖެ ވައިޓް އެލާޓްގައި ހުރި އިރު، ބިދޭސީންނަށް މައުލޫމާތު ދިނުމަށްޓަކައި އައުޓްރީޗް ޕްރޮގްރާމްތަކެއް ހިންގި ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން 6،000 އަށް ވުރެ ގިނަ ބިދޭސީންނަށް މައުލޫމާތު ދީފައިވާނެ ކަމަށް އެތަނުން ބުންޏެވެ.

މި ޕްރޮގްރާމްގެ އިތުރުން ބިދޭސީންނަށް ވަޒީފާ ދޭ ކުންފުނިތަކާއި ވިޔަފާރިވެރިންނަށް އަމާޒު ކޮށްގެން ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް ވެސް އެމްއާރްސީން ބުންޏެވެ. މި ކަމުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބައިވެރިވުން އެ ޖަމިއްޔާ އިން ފާހަގަ ކުރި އެވެ. އެތަނުން އަންނަނީ އެކި ބަސްބަހުން، ރައްކާތެރިކަމުގެ މެސެޖްތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ސާފުތާހިރު ކަމަށް ދޭންޖެހޭ އަހައްމިއްޔަތުކަމުގެ މުހިއްމު ކަމާއި އަތް ދޮވުމާއި މަގުމައްޗަށް ކުޅު ނުޖެހުމުގެ މުހިއްމު ކަން ފަދަ ކަންކަން ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވެސް ބިދޭސީންނަށް ތަފާތުކޮށް ކަންތައްތައް ކުރުމަކީ، އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައި ހުންނަ ކަމެއް. އަޅުގަނޑުމެން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ވަރަށް އެދޭ ކަމެއް ބިދޭސީންނަށް ވެސް ތަފާތު ނުކުރުން. އެއީ ވެސް ހަމަ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ އިންސާނުން،" ހިމްޔާ ވިދާޅުވި އެވެ.

މާލޭގައި އެ ޖަމިއްޔާ އިން ހިންގި ޑޯޓުޑޯ އައުޓްރީޗް ޕްރޮގްރާމުގެ އިތުރުން ރަށްރަށުގައި އުޅޭ ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެ އެވެ.

ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސާވިސަސް މެނޭޖަރު މައީދު ޒާހިރު ވިދާޅުވި ގޮތުގައި، ކުންފުނިތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކުގައި ވެސް ވަރަށް ގިނަ ބިދޭސީންނަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ.

"އެ އަށް ވުރެ ގިނައިން އަޅުގަނޑުމެން މި ބުނާ، ކުންފުނިތަކުގައި ބޭއްވޭ އިންފޮމޭޝަން ސެޝަންތަކާއި އަދި ޕަބްލިކް އައުޓްރީޗްގެ ކަންކަމާއި ޕޯސްޓާސް ހަރުކުރުމާއި އަދި އެކި ލެނގުއޭޖަސް އިން އަޅުގަނޑުމެން މި ގެންގުޅޭ މެޓީރިއަލްސް ބިޒްނަސަސް އާއި ފިހާރަތަކާއި އަދި ހާއްސަކޮށް ބިދޭސީން ވަގުތު ހޭދަކުރާ ތަންތަނުގައި މި ދަނީ ހަރުކުރަމުން،" މައީދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ޔުނިޓްގައި އެމްއާރްސީ ހިމެނެ އެވެ. އަދި އެތަނުން އަންނަނީ ނެޝަނަލް އިމާޖަންސީ ސެންޓަރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، މި ބައްޔަށް ޝައްކު ކުރެވިގެން އެކަހެ ރިކޮށްފައިވާ މީހުންނަށް ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން (ސައިކޯ ސޯޝަލް ސަޕޯޓް) ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެމްއާރްސީން ބުންޏެވެ.