ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19ގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ފެށުމަށް އެވްރެޖް ގޮތެއްގައި ހޭދަވަނީ ފަސް ދުވަސް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ހުން އައުމާއި ކެއްސުމާއި ނޭވާލާ ދަތިވުން ފަދަ މައްސަލަތައް ކުރިމަތިވާ ކޮވިޑް-19 މުޅި ދުނިޔެއިން މިހާރު ވަނީ 119،00 މީހުންނަށް ޖެހިފަ އެވެ.
ބަލި ޖެހުނު ކަމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ފަށާ މުއްދަތާ ބެހޭ ގޮތުން އެމެރިކާގެ ސައިންސްވެރިން ވާހަކަ ދައްކާފައި މި ވަނީ މި ބަލި އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެތުރުނު ޗައިނާގެ އިތުރުން އެހެން ގައުމުތަކުގެ ކޭސްތައް ދިރާސާކުރުމަށް ފަހުގަ އެވެ.
ދިރާސާ އިން އެނގުނީ، ބަލި ޖެހޭ ގިނަ މީހުންގެ ހަށިގަނޑުން، ވައިރަސް ވަންނަތާ ފަސް ވަނަ ދުވަހު އަލާމާތްތައް ފެންނަން ފަށާ ކަމަށެވެ.
މީގެ އިތުރުން، ވައިރަސް އަރާތާ 12 ވަނަ ދުވަހު ބަލީގެ އެއްވެސް އަލާމާތެއް ހަށިގަނޑުން ނުފެންނަ ނަމަ ދެން އެ މީހެއްގެ ހަށިގަނޑުން ބަލީގެ އަސަރެއް ފާޅުވުން ވަރަށް ނާދިރުކަން ވެސް އެނގުނެވެ. އެކަމަކު އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް އެރުމުގެ ފުރުސަތު އޮވެދާނެ އެވެ.
އެހެންވެ، ދިރާސާ ޓީމުން ވަނީ މި ބަލި އެހެން މީހަކަށް ޖެހިދާނެ ސަބަބަކަށް ވެދާނެ ކޮންމެ މީހަކު އަމިއްލަ އަށް އެކަހެރިވެ، އެހެން މީހުންނާ ވަކިން 14 ދުވަހު އުޅުމަށް އިރުޝާދު ދީފަ އެވެ.
އަނަލްޒް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާގައި އިސްކޮށް ހުންނެވި، ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕްރޮފެސަރު ޖަސްޓިން ލެޒްލާ ވިދާޅުވީ މިއީ 181 ކޭހެއްގެ މައުލޫމާތުން ކުރު މުއްދަތެއްގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު މައުލޫމާތު ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މި އާ ވައިރަސް ދަސްކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
މި ދިރާސާގައި، ވައިރަސް އަރާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަނީ ކިހާ މީހުންނެއްގެ ކިބައިންނެއް ކަމެއް ވަޒަންކޮށްފައެއް ނުވެ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރަނީ މި ބަލި ޖެހޭ ގިނަ މީހުންގެ ކިބައިން ފެންނާނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. އަދި ބައެއް މީހުންގެ ކިބައިން ބަލީގެ އެއްވެސް އަސަރެއް ފާޅު ނުވެ ހުރެ، އެހެން މީހުންނަށް ވައިރަސް އަރާ ކަމަށް ވެސް ވަނީ ގަބޫލުކުރެވިފަ އެވެ.
އެކަމަކު އުމުރުން ދުވަސްވީ މީހުންނަށް، އަދި ހާއްސަކޮށް ކުރިން ވެސް އެހެން ބައްޔަކަށް ފަރުވާކުރަމުން އަންނަ މީހުންނަށް މި ވައިރަސް ނުރައްކަލެވެ.
ބަލިން ރައްކާތެރިވާން އެންމެ މުހިންމު ކަންކަމަކީ؛
- ބަލިވެ އުޅޭ މީހުންނާ ގައިގޯޅިވެ ނޫޅުން
- އަތް ނުދޮވެ ލޮލާއި ނޭފަތާއި އަނގައިގައި އަތް ނުލުން
- ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަ އާއި ނޭފަތް ނިވާކޮށް، ޓިޝޫ ޑަސްބިނަށް ލައި ރަނގަޅަށް އަތް ދޮވުން
- ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން
ޔުނިވަސިޓީ އޮފް ނޮޓިންހަމްގެ މޮލެކިއުލާ ވައިރޮލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ޖޮނަތަން ބޯލް ވަނީ ވައިރަސް ހުރި ކަމަށް ޝައްކުވާ މީހުން ކަރަންޓީނުގައި ބައިތިއްބަންޖެހޭ މުއްދަތަކީ 14 ދުވަސްކަން މި ދިރާސާ އިން ކަށަވަރުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަލީގެ އަލާމާތްތައް ނެތި ވެސް ވައިރަސް ފެތުރުމަށް ވެސް ކޮންމެވެސް ވަރެއްގެ ޗާންސެއް އޮންނަކަން ވެސް ދިރާސާ އިން ހާމަވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކެއްސައި ކިނބިހިއެޅުމުން ވައިރަސް ފެތުރޭކަން ކަށަވަރު ވާއިރު، ބަލީގެ އަލާމާތެއް ނެތި ވެސް މީހެއްގެ ފަރާތުން ވައިރަސް އަރާފާނެކަން އެނގެ އެވެ. އެކަމަކު ބަލީގެ އަލާމާތެއް ނެތި ވައިރަސް ފެތުރުމަކީ މި ވައިރަސް ފެތުރޭ މައިގަނޑު ގޮތެއް ނޫނެވެ. -- ބީބީސީ