ކޮވިޑް-19 ފެތުރިޔަ ނުދިނުމަށާއި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މިސްކިތްތަކުން ކާޕެޓްތައް ނަގަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް މިއަދު އަންގައިފި އެވެ.

އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީީ، އެއީ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ އިން އެކުލަވައިލާފައިވާ އެޑްވައިޒަރީ ގްރޫޕުގެ ނިންމުމެއް ކަމަށެވެ. އެހެންވެ، އެ ނިންމުން ކައުންސިލްތަކަށް އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަށް މީހަކު މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.

އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެކެވެ. އޭގެ ތެރެއިން ބަތަލާ އިން ކޮވިޑް ބަލި ފެނުނު އުމުރުން 70 އަހަރުގެ މީހަކަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓެއްގަ އެވެ. ބާކީ މީހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައި އެކަހެރި ކޮށްފަ އެވެ.

އެލްޖީއޭ އިން އާދަމް ޝަރީފް ވިދާޅުވީ، މިސްކިތްތަކަކީ މީހުން ގަވާއިދުން ބޭނުން ކުރާ ތަނެއް ކަމަށް ވާއިރު، އެ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުން މުހިއްމު ކަމަށެވެ.

"ކާޕެޓްތައް ޑިސްއިންފެކްޓްކޮށް، ސާފު ކުރަން އުނދަގޫ ވާނެ ދެއްތޯ؟ އެކަމަކު ތަރަފާލު ނުވަތަ ޓައިލްސް ދޮވެ ސާފުކޮށް، ޑިސްއިންފެކްޓް ކުރަން ފަސޭހަ ވާނެ،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ އަދި ގޮތް ނޭނގޭ ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ މި ދުވަސްވަރު މިސްކިތްތަކަށް ނުދާން އިސްލާމިކް މިނިސްޓްރީން ކުރިން އޮތީ އަންގައިފަ އެވެ. އެގޮތުން، އެފަދަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާން އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯގާ ޖެހި ކެއްސައި ކިނބިހި އަޅާ މީހުންނާއި ކަރަންޓީނުކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން އާންމުން އެއްވެ އުޅޭ ޖަމާއަތްތަކަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮރޯނާވައިރަސް ހަށިގަނޑަށް ވާސިލް ވުމަށް ފަހު، ބަލީގެ އަލާމާތްތައް ފެންނަން 14 ދުވަސް ނަގަ އެވެ. އެހެންކަމުން ގައިގައި އެ ބަލި ހުރި ނަމަވެސް، އެ ކަން ނޭނގި މީހުން ޖަމާވެ އުޅޭ ތަންތަނަށް ދިއުމުން ބަލި ފެތުރުން އެކަށީގެންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިސްކިތްތައް ގަވާއިދުން ސާފުކުރުން ބޮޑު އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޗައިނާގެ ވުހާން ޕްރޮވިންސް އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ބައްޔަކީ މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑު ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ވަނީ އިއުލާންކޮށްފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެ މީހެއްގެ އާއި މުޖްތަމައުގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ. އަވަސް އަވަހަށް ސައިބޯނި ލައިގެން އަތް ދޮވުމާއި މަގު މައްޗަށް ކުޅު ނުޖެހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން މުހިއްމެވެ.