ސިއްހީ ޚިދުމަތްތެރިންނަށް އަމީން ދެއްވީ ސާބަސް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަކީ މިހާތަނަށް ގައުމީ ހަފުލާތަކާއި ވަރަށް މުހިންމު މުނާސަބަތުތަކާ ގުޅުވައިގެން ނޫނީ ޓުވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ. އާންމުކޮށް، އަމިއްލަ ޓުވިޓާ އެކައުންޓު ބޭނުން ކުރައްވަނީ އެފަދަ މުނާސަބަތުތަކުގައި އެކަންޏެވެ. އެކަމަކު، މި ފަހަރު ތަފާތެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާއާ އެކު 24 ގަޑިއިރު ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ސިއްހީ ދާއިރާގެ މީހުންގެ އަގު ވަޒަން ކުރެއްވީ އާންމުކޮށް ނުކުރައްވާ ކަހަލަ ޓުވީޓަކުންނެވެ.


މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލާ ގުޅުވައިގެން، އަމީން ފުރަތަމަ ފަހަރަށް ރޭ ކުރެއްވި ޓުވީޓުގައި ވަނީ ސިއްޚީ މި ބޮޑު މުސީބާތުން ﷲ އަޅަމެން ސަލާމަތް ކުރެއްވުމަށް އެދިވަޑައިގެން ދުއާ ކުރައްވައިފަ އެވެ.

އޭގެ ފަހުން އަމީންގެ ޓުވީޓް ޚާއްސަ ކުރެއްވީ، އޭނާގެ މުވައްޒަފުންނަށެވެ.

ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އުނދަގޫ މި ވަގުތުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު އަމީންގެ ޓުވީޓް

"ތިޔަ ދައްކަވާ ނަމޫނާ އަށް ސާބަސް. ކޮވިޑް 19 ގެ ނުރައްކަލުން ގައުމު މިންޖު ކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު،" އަމީންގެ ޓުވީޓުގައި ވެ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަހާ އެކު، ޑިސެމްބަރު މަހުން ފެށިގެން ހެލްތު މިނިސްޓްރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްހީ ދާއިރާ އެލާޓަށް އައިސް ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް ވަނީ ކޮށްފަ އެވެ. މިއަދު ގައުމީ ފެންވަރުގެ ބޮޑު ޓާސްކްފޯހެއް ފެނުނު ކަމުގައި ވިޔަސް ކޮރޯނާވައިރަސްއާ މެދު އާންމުން ހޭލުންތެރިކުރުމާއި ވާންޖެހޭ ތައްޔާރީތައް ވުމުގައި ސީދާ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން ވަނީ މިނިސްޓަރު އަމީން އިސްވެ ހުންނަވައިގެން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ގާއިމްކުރި ކަރަންޓީން ފެސިލިޓީއާ ގުޅޭ ގޮތުން އަމީން އެ ރަށުގައި މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މި ހުރިހާ ކަމެއްގެ ތެރެއިން، ސިޔާސީ ގޮންޖެހުންތަކާއި ފާޑުކިޔުންތައް ކޯލިޝަން ޕާޓީތަކުގެ ތެރެއިން ފާޅުގައި އަންނަމުން ދިޔައިރު ވެސް އަމީން ހުންނެވީ ހިމޭނުންނެވެ. އެއްވެސް ކަމަކަށް ޖަވާބެއް ނުދެއްވައި ފޯކަސް ކުރެއްވީ ސަރުކާރުގެ މަސައްކަތްތަކަށެވެ. ކޮރޯނާވައިރަސް އިން ސަލާމަތް ވާނެ ގޮތާއި އެ ބަލި ރާއްޖެ އަތުވެއްޖެ ނަމަ ދެން ހަދާނެ ގޮތުގެ ޕްލޭންތައް ހެއްދެވުމާއި ތައްޔާރުވުން ނޫން ކަމެއް ނުކުރައްވަ އެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އިއުލާން ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިއަދުގެ ހާލަތަކީ ރާއްޖެ އިން ކޮރޯނާވައިރަސް ފެނިއްޖެ އެވެ. އެ ވައިރަހުން ޖެހޭ ބަލި ކޮވިޑް-19 ގެ އަށް ބިދޭސީ އަކު އެބަތިއްބެވެ. އެހެންވެ، މި ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާ ބޮޑަށް ވެސް އިތުރެވެ.

ރެ އާއި ދުވާލު ވަރުބަލިކަމެއް ނެތި، އަރާމު ކުރުމަކަށް ނުބަލައި، މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރެއްވުމަށް އެހެން ހުރިހާ ފަހަރުތަކާ ޚިލާފަށް އަމީން މި ފަހަރު ޓުވީޓް ކުރެއްވީ ކުރިއަށް ހުރި ކަންތައްތަކުގެ ބޮޑުކަން އިހުސާސްވާތީ ކަމަށް ވެސް ވެދާނެ އެވެ.