ސައިބާ ސޭފްޓީއާ ބެހޭ ފޮތެއް ނެރެފި

ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް ބެލެނިވެރިންނަށް އަންގައިދޭ ހާއްސަ ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ.


އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

ދުނިޔޭގައި މި ދުވަސްވަރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއީ އިންޓަނެޓުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ ގޮތުން ބެލެނިވެރިން ޒިންމާދާރު ކުރުވުމުގެ މަގްސަދުގައި އެކުލަވާލި ފޮތެއް ކަމަށެވެ. އަދި ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ދަރިވަރުންނަށް ކިޔައިދެވޭނެ ގޮތްތައް ވެސް މި ފޮތުގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދު ކުރުމުން ދަރިވަރުންނަށް އުނގެނުމުގެ ކަންތައްތައް ރާވާފައި މިވަނީ އިންޓަނެޓް މެދުވެރިކޮށް ކަމަށްވާތީ، އިންޓަނެޓް ބޭނުން ކުރުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ފޮތް އެކުލަވާލުމުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން މި ފޮތް ޑައުންލޯޑް ކުރެވޭނެ އެވެ.

މި ފޮތުގައި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރަން ސަމާލުކަން ދޭންވީ ކަންތައްތަކާއި ސައިބާ ބުލީން ރައްކާތެރިވާނެ ގޮތްތަކާއި ދަރިވަރުން އާންމުކޮށް ބޭނުންކުރާ ވެބްސައިޓުތަކާއި އެޕްލިކޭޝަންތައް ހިމެނެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ނިޔަތުގައި ނުވަތަ އެކަމަށް އެ ކުއްޖާ ތައްޔާރު ކުރުމަށްޓަކައި ކުރާ މުއާމަލާތު "އޮންލައިން ގްރޫމިން" އާ ގުޅޭ ގޮތުން ވެސް މި އަތްމަތީ ފޮތުގައި މައުލޫމާތު ހިމެނެ އެވެ. އޭގެ ތެރޭގައި އެފަދަ ހާލަތެއް ފާހަގަކުރަން ބަލަންޖެހޭ ކަންތައްތަކާއި ސަމާލުކަން ދޭންވީ ކަންތައްތައް ހިމަނާފައި ވެ އެވެ.