ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 61 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް

ރާއްޖޭގެ ދެކުނު ރަށަކުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 61 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަ ސް ޖަހައިފި އެވެ.


ދެކުނުގެ ރަށެއްގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އެ މަައްސަލަ ބެލުމަށްފަހު، ދުވަސްވީ މީހާ ހައްޔަރު ކުރީ ވެސް ހަމަ އެ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު ހާމަވާ އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރުން ތަހުގީގުކުރަމުން ކަމަށް ބުނެފަ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައި ވަނީ، މި މައްސަަލައިގައި ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ރަށެއްގެ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި، ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ޖެނުއަރީ މަހު ފެންމަތިވި ފަހުން، މިފަދަ މައްސަލަތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި މިފަދަ މައްސަލަތައް ބަލަން އެކަށީގެންވާ ކޭސްވޯކަރުންނެއް ނެތް ކަން ވެސް ހާމަވި އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސާބިތު ކުރުމުގައި، ކުރިއަށް ވުރެ ފަސޭހަ ގޮތެއް ވެސް ހައި ކޯޓުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަނޑައަޅައިފަ އެވެ. މިފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރަން ބޭނުންކުރެވޭނެ އެންމެ އަސާސީ ހެއްކެއްގެ ގޮތުގައި ކުއްޖާގެ ހެކި ބަސް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. މިފަދަ މައްސަލަތަކުގައި އެކި ފަރާތްތަކާ އެކު ކުޑަކުއްޖާ ދައްކާފައިވާ ވާހަކަތަކަކީ ތަފާތު ހެއްކެއްގެ ގޮތުގައި މީގެ ކުރިންނެއް ނުބެލެވެ އެވެ.