ފުރަތަމަ ޓެސްޓުން ފާސްވީ ކޮންޓެކްޓް ޓްރޭސިން އަށް ތައްޔާރުވެފައި ތިބުމުން: އަމީން

ރާއްޖެ އިން އެންމެ ރަނގަޅަށް ކުރެވުނު އެއް ކަމަކަށް ވާނީ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ އަށް ތައްޔާރުވެފައި ތިބުން ކަމަށާއި ކޮވިޑް-19 ގެ ފުރަތަމަ އިމްތިހާނުން ފާސްވީ ވެސް އެ ސަބަބާ ހެދި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.


ޗައިނާގެ ވޫހާންގައި ހަލުވިކަމާ އެކު ގައިން ގަޔަށް ފެތުރި މުޅި ދުނިޔެ ބިރުވެރިކޮށްފައިވާ ކޮވިޑް-19 އަށް ރާއްޖެ އިން ބަޔަކު ޕޮޒިޓިވްވި ކަން އެނގުނީ މިދިޔަ މާޗް 7، ގަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވްވިކަން އެ ދުވަހު އެނގުނުއިރު، އެ މީހުންގެ ޓެސްޓް ހަދަން ޖެހުނީ، ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ޕޮޒިޓިވްވި ކަން އެނގުމުންނެވެ.

އޭގެ ފަހުންނާއި އޭގެ ކުރިން ވެސް ސަރުކާރުން އަޅަމުން އައި ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދުރާލައި ވެފައިވާ ތައްޔާރީތަކާ އެކު ފުރަތަމަ ވެސް މަސައްކަތް ފެށީ، އެއީ ރާއްޖޭގެ ފުރަތަމަ ކޭސްއަށް ވެދާނެ ކަމަށް ލަފާކޮށްގެން ކަމަށެވެ.

"ރާއްޖޭގައި އަލާމާތްތައް ފެނުނު ޑޮކްޓަރު ހައި ރިސްކް ކަމަށް އެޗްޕީއޭގެ ކަމާބެހޭ ބޭފުޅުން ގަބޫލު ކުރެއްވި. އެހެންވެ ކޮންޓެކްޓް ޓްރޭސިންގައި އިސްކޮށް ތިއްބަވާ ބޭފުޅުންނާއި އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނަށް ގުޅާފައި އެ މީހެއްގެ އޭރިއާގެ މައުލޫމާތު ހޯދައި މަސައްކަތް ފެށީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީނަށް އިޓަލީ ޓޫރިސްޓުގެ މައުލޫމާތު ލިބިވަޑައިގަތީ ށ. ފުނަދޫގައި ޑެންޓަލް ޚިދުމަތް ފައްޓަވައި ދެއްވައި މާލެ ފުރާވަޑައިގަތުމަށް މާފަރު އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަގުތުން އެކަން ހިއްސާކުރައްވައި، ފިޔަވަޅުތައް އެޅުއްވުމުގެ އިރުޝާދު ދެއްވި ނަމަވެސް އެ ވަގުތު އެންމެ އުނދަގޫ ކަމަކަށް ދިމާވި އެއް ކަމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓަށް އަރައި ފޭބުން މަނާކުރުމެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގުޅުއްވައި މިއީ ރާއްޖޭގެ ފުރަތަމަ ކޭހަށް ވުން އެކަށީގެންވާ ކަމުގެ މައުލޫމާތު ދެއްވައި ވީ އެންމެ އަވަހަށް ރިސޯޓާ މެދު ގޮތެއް ނިންމަން އެދިވަޑައިގަތް ކަމަށް އަމީން ވިދާޅުވި އެވެ.

"ކޮންޓެކްޓް ޓްރޭސިން އާއި އެހެން ވެސް ހުރިހާ ޓީމުތަކެއް އޭރު އޮތީ އެކްޓިވް ވެފައި. އެ ވަގުތަށް ބަލާފައި ރާއްޖޭގެ އެކިއެކި ރިސްކް ލެވެލްތައް ކަނޑައެޅި، ރިސޯޓަކުން މީހަކު ޕޮޒިޓިވް ވެއްޖިއްޔާ ރިސޯޓާ މެދު އަމަލުކުރާނެ ގޮތް، އެތަނުގައި ތިބި މީހުންނާ މެދު އަމަލުކުރަންވާނެ ގޮތް ވެސް އޮތީ ކަނޑައަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްތޯ ބަލަން ސާމްޕަލް ނަގަން ކުރެއްދު އަށް ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ނުވަތަ ދިޔައީ ޅ. ނައިފަރުންނެވެ.

"ފުރަތަމަ ކޭސްވީމާ އެ ހިސާބުގަނޑު ވެސް ވަރަށް ބޮޑަށް ޕެނިކްވެެގެން ދިޔަ. އެކި ޚަބަރުތައް ފެތުރިގެން ދިޔަ. ރިސޯޓުން މީހުން ފުރައިގެން ހިންނަވަރަށް ދިޔަ ވާހަކަ، ނައިފަރަށް، ވެލިދު އަށް ދިޔަ ވާހަކަ ވެސް ދެއްކި. އޭރު އޮތީ ކޮމިއުނިކޭޝަނާ ބެހޭ ގޮތުން ވެސް ގިނަ މަސައްކަތްތައް ކުރެވިފައި،" ކޮވިޑް-19 އާ ގުޅޭ ކަންކަން އެންމެ ކުރިއްސުރެ ފެށިގެން ވަރަށް ކައިރިން ބައްލަވަމުން ގެންދެވި އަމީން ވިދާޅުވި އެވެ.

"އެ ހިސާބުން އެކަންކަން މެނޭޖްކުރަން ހަވާލުވެފައި ހުރި އިންތިޒާމްތަކުގެ ތެރެއިން ހުރިހާ ކަމަކަށް އެޓެންޑްވެވޭނެ މީހުން އައިޑެންޓިފައި ކުރެވި އެސްއޯޕީސްތައް ވެސް ލިޔެވި ހުރިހާ މަސައްކަތެއް ކުރެވިފައި ވަނީ."

މިނިސްޓަރު ވިދާޅުވީ ކޭސްވަން ފެނުމާއެކު ވަގުތުން ރެޕިޑް ރެސްޕޮންސް ޓީމުތަކާއި ކޮންޓެކްޓް ޓްރޭސިން އާއި ކްލިނިކަލް ޓީމާއި ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ އިތުރުން ދެން ވެސް އެހެނިހެން ހުރިހާ ފަރާތްތަކެއްގެ މަސައްކަތް ވަގުތުން ފެށުނު ކަމަށް ވިދާޅުވި އެވެ.

"ކޮވިޑުގެ ފުރަތަމަ އިމްތިހާނާ ހަމައަށް އައިއިރު ރާއްޖެ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެ ޓެސްޓުން ވަރަށް ރަނގަޅަށް ފާސްވި. ހަގީގަތުގައި، އެންމެ ބޮޑު ދައުރެއް އަދާކުރީ ކޮންޓެކްޓް ޓްރޭސިން. ވަރަށް ފަންނީ މީހުން ތިއްބަވައިގެން ޓެކްގެ އެޑްވައިޒާއި އެޗްޕީއޭގެ މަޝްވަރާއާ އެކު ޖެނުއަރީން ފެށިގެން އަޅުގަނޑުމެން އިށީނދެ ދިމާވެދާނެ މައްސަލަަތައް ދެނެގަނެ އޮތީ ތައްޔާރުވެފައި،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ރާއްޖެ އިން ދުރާލައި ތައްޔާރވެފައި އޮތް ނަމަވެސް އަދިވެސް ގިނަ ކަންކަން ޓެސްޓް ކުރެވޭނެ އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ އާއްމުންގެ ތެރެއަށް ފެތުރިއްޖެ ހިނދެއްގައި ދެން އަމަލުކުރާނެ ގޮތްތަކެވެ.

"ފުރަތަމަ ކޭސްއަށް އައިއިރު، އެކިއެކި ފިޔަވަޅުތައް އޭގެ ގޮތުގައި އަޅަން ލިބުނު ފުރުސަތަކީ އޭގެ ކުރިން ވެފައި ހުރި ތައްޔާރީތައް،" މިނިސްޓަރު ވިދާޅުވި އެވެ.