ދަރިވަރުން ބޭނުންކޮށްފައި ހުންނަ ފޮތްތައް ރިސައިކަލް ކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރިސައިކަލް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތަކުން އަހަރެއްގެ މައްޗަށް ހަތަރު ލައްކައަށް ވުރެ ގިނަ ފޮތް ބާކީކޮށް ސްކޫލުތަކުގައި ބަހައްޓާ ކަމަށެވެ. އޭގެ ސަބަބުން ސްކޫލުތައް ސާފުކޮށް ބެހެއްޓުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ގުދަންތައް ފުރިގެން ވެސް އެބަދޭ ފޮތްތަކުން. އޭގެ ސަބަބުން ދަތިތަކާ ދިމާވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޭނުންނުކުރާ ފޮތްތައް ރިސައިކަލް ކުރުމަކީ ސްކޫލުތަކުން ބަލައިގަންނަޖެހޭ ކަމެއް ކަމަށާއި ސްކޫލުތަކުގައި މިހާރު ވެސް އެކަމާ ގުޅޭ ފިލާވަޅުތައް ނަގައިދިނުމުން، އެ ދަރިވަރުން ކިޔަވާ ނިމުނު ކަމުގައި ވިއަސް އޭގެ ރަނގަޅު އަސަރުކުރާނެ ކަމަށެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ސްކޫލު ފޮތްތައް ރިސައިކަލްކުރަން އިންޑިޔާ އަށް 30 ޓަނުގެ ފޮތް މިހާރު ވެސް ފޮނުވާފައިވާ ކަމަށާއި އޭގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"ނައްތާލަން ތިލަފުއްޓަށް މި ގެންދާ ކުނި ވެސް ކޮންމެ ވެސް ވަރަކަށް މަދުވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ.
ވެމްކޯއިން މިހާރު ވެސް އަންނަނީ ބައެއް ބުކްޝޮޕްތަކާ އެކު ރިސައިކަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސްކޫލު ފޮތްތައް ރިސައިކަލް ކުރުމުގެ މަސައްކަތް ވެމްކޯއިން ފެށިތާ ހަތަރު މަސް ވެއްޖެ އެވެ. ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ވެމްކޯއާ ހަވާލުކުރީ މިއަދެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ސަރުކާރުން ވަނީ މާލެ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ޑަސްބިން ހަވާލުކޮށްފަ އެވެ. ސްކޫލުތަކާ މި ޑަސްބިންތައް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފުކާނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ޑަސްބިންތަކާ ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރެވެ.