ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ފުލުހުން ބުނީ އެ މައްސަަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުުރުކުރީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު، 24 އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު 23 އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް 25 އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު، 50 ކަމަށެވެ.

މީގެ ތެރެއިން އަރުޝަދަކީ، އެ މައްސަލައިގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ކުރިން ގެންދިއުމުން ކޯޓުން ދޫވެސް ކޮށްލި އެވެ. އެކަމަކު އޭނާ އަލުން ހައްޔަރު ކުރީ އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުން ކޯޓުން އަމުރު ދިނުމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރި ކުށުގެ ވެށިން ވެސް 4.6 މިލިޔަން ރުފިޔާ ފެނުނެވެ. އޭރު ފުލުހުން ބުނީ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށެވެ.