ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދުރާލާ ދެމުން އައި އިރުޝާދުތަކަށް ރައްޔިތުިން އަމަލުކުރި ނަމަ، ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްތައް ގިނަވެ، އިންޑެކްސް ކޭސް ހޯދަން އުނދަގޫވެ، މިހާރު ކުރިމަތިވެފައިވާ ހާލަތު ނައީސް ކަމަށް، އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން އިންތިހާއަށް ގިނަވީ އިރުޝާދުތަކަށް ތަބާނުވެ، ޕާޓީތައް ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ކަންތައްތައް ކޮށްފައި ވާތީ ކަމަށެވެ. އެގޮތަށް އަމަލްތައް ނުބަހައްޓައި، ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް އަމަލުކުރި ނަމަ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން އެހާ ގިނަ ނުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މިބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ [ސުވާލު އުފެދޭ]. ނުވާކަން މި އިނގެނީ ދެއްތޯ؟" -ޑރ.އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް މާލެއިން މީހަކު ފުރަތަމަ ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓްތައް އެޗްޕީއޭއިން ކުރިން ލަފާކުރި ވަރަށް ވުރެ މާ ގިނަ އެވެ.

"އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މި ބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ [ސުވާލު އުފެދޭ]. ނުވާކަން މި އިނގެނީ ދެއްތޯ؟" އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް މިއަދުގެ ޕްރެސް ބްރީފިން ގައި ވާހަކަ ދައްކަވަނީ.
އެޗްޕީއޭގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް މިއަދުގެ ޕްރެސް ބްރީފިން ގައި ވާހަކަ ދައްކަވަނީ.

މިއަދުގެ ޕްރެސް ބްރީިފިންގައި ޑރ. އަފްޒަލްގެ ކުރިން ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފަސް ދުވަހުގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓްތަކާއި މީޑިއަމް ރިސްކް ކޮންޓެކްޓް އެހާ ގިނައިން ހުރީ ބޮޑެތިި ހަރަކާތްތައް ހިންގާފައި ވާތީ ކަމަށެވެ.

"މިސާލަކަށް ޕާޓީ ބޭއްވުން، މަސްދަތުރު ދިއުން، ދަންނަ ގޭގެއަށް ޒިޔާރަތް ކުރުން، އަދި ހަމަ ބުރު ޖަހަން ދިއުން ކަހަލަ ކަންތައްތައް ފާހަގަކުރެވިފައި އެބަ ހުރި،" މަބްރޫކް ވިދާޅުވި އެވެ.

ކޮންޓެކްޓްވި މީހުން

މަބްރޫކް ވިދާޅުވި ގޮތުގައި މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ކޭހުގެ ތެރެއިން ކޭސް 21 އަކީ ފުރަތަމަ ޕޮޒިޓިވް ވި އަންހެން މީހާ އެވެ. ކޭސް 22 އަކީ އޭނާގެ ދަރިފުޅެވެ. ކޭސް 23 އަކީ ތިން ވަނައަށް ޕޮޒިޓިވްވި އަންހެންމީހާ އެވެ.

އެކަމަކު 21 އާއި 23 ގެ ތެރެއިން ފުރަތަމަ ވައިރަސް އަރާފައި ވަނީ ކާކަށްކަން ވެސް އަދި ސާފެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް ބުނާކަށް ކަށަވަރުކަމާ އެކީގައި މިވަގުތަކު ނޭނގޭ ކޭސް 23 ގެ ފަރާތުން 21، 22 އަށް ބަލި ދިޔައީތޯ ނުވަތަ ކޭސް 21ގެ ފަރާތުން 23 އަށް ބަލި ދިޔައީތޯ. މިގޮތަށް ބުނާކަށް ނޭނގޭ. އެހެން ނަމަވެސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބައެއްކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު އެނގޭ،" މަބްރޫކް ވިިދާޅުވި އެވެ.

ކޭސް 21 އާ ކޮންޓެކްޓްވި މީހުންގެ އަދަދު

ހައި ރިސްކް ކޮންޓެކްޓްސް: 75 މީހުން

މީޑިއަމް ރިކްސްކް ކޮންޓެކްޓްސް: 43 މީހުން

ލޯ ރިސްކް ކޮންޓެކްޓްސް: 89 މީހުން

ޖުމްލަ: 207

ކޭސް-23 އާ ކޮންޓެކްޓްވި މީހުންގެ އަދަދު

ހައި ރިސްކް: ހަތް މީހުން

މީޑިއަމް ރިސްކް: 28 މީހުން

ޖުމްލަ: 35 މީހުން

މަބްރޫކް ވިދާޅުވި ގޮތުގައި ކޭސް 21 އާއި 22 އާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނާތީ އެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ވެސް ލަފާކުރެއްވެ އެވެ. މަންމަ އާއި ދަރިފުޅު ބޮޑެތި އެއް އެއްވުންތަކުގައި ބައިވެރިވެފައި ވާތީ އެތަންތަނަށް ދިޔަ މީހުން އަމިއްލައަށް އެޗްޕީއޭއަށް އަންގަން ވެސް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ އެތަންތަނަށް ޒިޔާރަތްކޮށްފައި ތިބި މީހުން ވީވަރަކުން އަޅުގަނޑުމެންނާ ހަމައަށް އެ މައުލޫމާތު ދިނުން. ބަލީގެ އަލާމާތެއް ފެންނަން ހުއްޓަސް، ނެތަސް ވެސް،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ދޭން ގުޅާނީ އެޗްޕީއޭގެ ހޮޓްލައިން ނަމްބަރު 1767 އަށެވެ. އެ ނަމްބަރާ ގުޅަން އުނދަގޫ ނަމަ މައުލޫމާތުު ދޭނެ އީމެއިލް އެޑްރެހަކީ [email protected] އެވެ.