ކޮވިޑް-19: ބަންގްލަދޭޝް އަށް ދާން ތައްޔާރުވި ތިން މީހަކު ޕޮޒިޓިވް

މާލެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި، އެނބުރި ގައުމަށް ދާން ތައްޔާރުވި ބަންގްލަދޭޝްގެ ތިން މީހަކު ހިމެނޭ ކަމަށް ސަރުކާރުން ބުނެފި އެވެ.


ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ގޮވައިގެން އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި މިއަދު ހެނދުނު ވަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝްގެ 68 މީހަކު ގެންގޮސްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކގެ ތެރޭގައި ބަންގްލަދޭޝް ތިން މީހުން ހިމެނޭ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް އަށް މިއަދު ދިއުމަށް ތައްޔާރުވި ތިން މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި އެ ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ފުރުމުގެ ކުރިން އެ މީހުންގެ ޓެސްޓު ހެދުމުންނެވެ. އެހެންވެ، އެމީހުންނަށް ރާއްޖޭގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއްވެސް ބަޔަކާ އެ ތިން މީހުންނާ ކޮންޓެކްޓް ވެފައިވާ ކަމަކަށް އެޗްޕީއޭ އަކުން ނުބުނެ އެވެ.

މި ތިންމީހުންނަކީ ބިދޭސީންނަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ވަގުތީ ހިޔާގައި ތާޖުއްދީން ސްކޫލުގައި ބައިތިއްބާފައިވާ ބައެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ބަންގްލަދޭޝްގެ 24 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ވެސް ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅުމުން އަންނަ މީހެކެވެ.