މަރުވި ބިދޭސީ މީހާ ކޮވިޑަށް ޓެސްޓްކުރި، ނަތީޖާ ނެގެޓިވް

މާލޭގެ ގެެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ބިދޭސީއެއްގެ ހަށިގަނޑުން ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓްކޮށްފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާ އޭޑީކޭ އަށް ކުރިން ދައްކައި ޑެންގީ އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭނާ މަރުވުމުގެ ކުރިން ޑެންގީ އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"ނިޔާވުމާ އެކު ކޮވިޑް-19 އަށް އޭނާގެ ޓެސްޓް ހެދުނު، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭ ގައުމުތަކުގައި، ކުއްލިއަކަށް މަރުވާ މީހުން އެ ބައްޔަށް ޓެސްޓްކުރުމަކީ އޮންނަ ކަމެކެވެ. ރާއްޖޭގައި ވެސް އެ މީހާ ޓެސްޓް ކުރީ އެ އުސޫލުން ކަމަށް ބެލެވެ އެވެ.

ރާއްޖޭން މިހައިތަނަށް އެބަލި ޖެހިފައި ވަނީ ޖުމްލަ 17 މީހަކަށެވެ. އޭގެ ތެރެއިން ރާއްޖޭގައި ތިބީ 15 މީހެކެވެ. އެއީ ދެ ދިވެހިންނާއި 13 ބިދޭސީންނެވެ. ބިދޭސީ އެންމެން ވެސް މިހާރު ވަނީ ބަލި ރަނގަަޅުވެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ މިހާރުގެ ޖުމްލަ އަކީ 704،513 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 33،519 އެވެ.