މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

ފިޓްޖެހިގެން އައިޖީއެމްޗަށް ގެންދިޔަ ބަންގްލަދޭޝްގެ މީހާ މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ފަތިހު ބުނެފައި ވެ އެވެ.


ނަމަވެސް އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭ އިން އަދި ނުނިންމަ އެވެ. އެ މީހާ މަރުވީ ކޮވިޑް-19 ގައި ކަމަށް ނިންމައިފި ނަމަ އޭނާ ވަނީ އެ ބަލީގައި ރާއްޖޭގައި މަރުވި ދެވަނަ މީހާ އަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފުރަތަމަ މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާގެ ޑައިރެކްޓް ކޮންޓެކްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އޭނާ ގޭގައި އެކަހެރިކޮށް، ނެގި ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ވަނީ މަރުވެފަ އެވެ.

އޭނާގެ ސާމްޕަލް ނެގުން ލަސްވުމުގައި އިހުމާލެއް އޮތް ކަމަށް ވާހަކަ ދެއްކެވޭތީ އެ ކަން ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައި ވެ އެވެ.

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާގެ މަރާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންއެއް މެންދުރު 2:30 އަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މި ބަންގްލަދޭޝްގެ މީހާގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

ރާއްޖެ އިން މިހާތަނަށް 557 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 283 އެވެ. ދިވެހިންގެ ތެރެއިން އެ ބަލި މިހާތަނަށް ޖެހުނީ 191 މީހަކަށެވެ. ދިވެހިންނާއި ބަންގްލަދޭޝްގެ މީހުންގެ އިތުރުން ރާއްޖޭގައި ދެން އެންމެ ގިނައިން ކޮވިޑް-19 ޖެހުނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 52 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ.