ރީއަތު އާއި އޭނާގެ މަންމަ ފާތުމަތު ނަސީރު
05 މެއި 2020 - 13:42
ޒުވާން ރީއަތު ހަމީދުގެ ކިޔެވުން އަދި ފުރިހަމައެއް ވެސް ނުވެ އެވެ. ގައުމީ ޔުނިވަސިޓީގައި ޑޮކްޓަރުކަން ކިޔަވަން ފެށިތާ އަހަރެއްވީތަނުން، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހި، ކިޔެވުން މެދުކަނޑާލަން ޖެހުނީ އެވެ. އެކަމަކު، ވޮލަންޓިއަރެއްގެ ހައިސިއްޔަތުން މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފުގަ އެވެ.
މިއީ އޭނާގެ އާއިލާ އަށް ފަސޭހަ ކަމެއް ނޫންކަން، ރީއަތުގެ މަންމަ ފޭސްބުކަށް ދޫކޮށްލާފައިވާ އަސަރު ގަދަ މެސެޖުން އެނގެ އެވެ. ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު، ރީއަތުގެ މަންމަ ފާތުމަތު ނަސީރު ލިޔެފައިވެ އެވެ.
"އަހަރެން މިއަދު، (ދުނިޔޭގައި ހުރި) އަހަރެންގެ ހަގު ދަރި މި ވަނީ ގައުމާ ހަވާލުކޮށްފަ އެވެ. މިއަކީ ފަސޭހަ ކަމެއް ނޫނެވެ." ގިނަ ބަޔަކު ޝެއާކޮށްފައިވާ އެ ޕޯސްޓުގައި އޭނާ ލިޔެފައިވެ އެވެ.
"މި ދަނޑިވަޅު ބަލަންވީ ތިމާ އަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯއޭ އެވެ."
ވޮލަންޓިއަރެއްގެ ގޮތުން ރީއަތު އަންނަނީ ގިނަ ބައެއްގެ ސާމްޕަލް ނަގައި ޓެސްޓު ހަދަމުންނެވެ. އޭނާ ހެދި ބައެއް ޓެސްޓުތައް ޕޮޒިޓިވް ވެސް ވަނީ ވެފަ އެވެ.
ފާތުމަތު ނަސީރު ބުނިގޮތުގައި އޭނާގެ އެންމެ ލޯބިވާ މަންމަ އާއި ހަގު ދަރިފުޅު ވަނީ މީގެ ކުރިން މަރުވެފަ އެވެ. އަދި މިހާރު ވެސް އެކަމުގެ ހިތާމަ އޭނާ ކުރެ އެވެ. އެކަމަކު ދެން ހަގަށް ހުރި ދަރިފުޅު، މަރުގެ މި ބައްޔާ ކުރިމަތިލުމަށް އޭނާ ފޮނުވީ، ދެން ވެސް ބަލިވާނީ މީހެއްގެ މައެއް ނުވަތަ ބަފައެއް ނުވަތަ ދަރިއެއް ކަމަށް ވުމުން އެ މީހުންނަށް އެހީވުމަށް ކަމަށް އޭނާ ބުންޏެވެ.
ހޮސްޕިޓަލަށް ހިދުމަތް ކުރަން ނުކުތް ފަހުން ރީއަތު އަދި ގެއަކަށް ނާދެ އެވެ. ފާތުމަތު ނަސީރު ބުނިގޮތުގައި ދަރިފުޅު ލޮލުން ވެސް ދުށީ އެންމެ ފަހަރަކު އެވެ. އޭނާ އަށް އެންމެ އަސަރު ކުރީ ދަރިފުޅާ ލެޕްޓޮޕް ހަވާލުކުރަން ކައިރިވާން ހެދީމައި، ދުރުގައި ހުރުމަށް ރީއަތު އެދުމުންނެވެ.
ފާތުމަތު ބުނިގޮތުގައި މުޅި މީހާ ފޮރުވޭ ރައްކާތެރި ހެދުމެއްގައި ދަރިފުޅު ގިނަ ވަގުތު ހޭދަ ކުރާއިރު، ބައެއް މީހުން އެ ފަދަ މީހުންނާ މެދު ދެކޭގޮތް ރަނގަޅެއް ނޫނެވެ. އެ ފަދަ އުނދަގޫ ހެދުމެއް ލައިގެން، އުސް އިމާރާތްތަކަށް ސިޑިން އަރާއިރު ބައެއް ފްލޯތަކުގައި އުޅޭ މީހުން އެ މީހުންނާ ދިމާއަށް އެއްޗެހި ކިޔާ ކަމަށް އޭނާ ބުންޏެވެ.
ބައެއްގެ ސާމްޕަލް ނެގުމަށް މިއަދު ވެސް ރީއަތު ރަށަކަށް ދާން ޖެހެ އެވެ. އޭނާގެ މަންމަ އަށް މިއީ ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ދުވަހެކެވެ. އެކަމަކު އޭނާ ދަރިފުޅާ މެދު ދެކޭ އުއްމީދުތައް ފޮންޏެވެ.
މަންމަ އެދެނީ މުޅި ދުނިޔެ ވެސް މިހާރު ބިރުގަންނުވާލާފައިވާ ބަލިމަޑުކަމާ ކުރިމަތިލަމުން އަންނަ އެ ދަރިފުޅުގެ ރައްކާތެރިކަމަށް ދުއާ ކޮށްދިނުމެވެ.
ރީއަތުގެ އިތުރުން ވޮލެންޓިއަރުންގެ ގޮތުގައި ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވާ ގިނަ ކުދިން ހަރަކާތްތެރިވެ އެވެ. އަދި އެހެން ދާއިރާތަކުން ވެސް ގިނަ ބަޔަކު އަންނަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވަމުން އަންނައިރު 500 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، އެކަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މި އަދަދު އިތުރުވާނެކަމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ. ބަލިވާ މީހުންގެ އަދަދު ކިތަންމެ ގިނަވި ނަމަވެސް، ފުރާނަ އަތް މައްޗަށް ލައިގެން ހިދުމަތް ފޯރުކޮށްދޭން ތިބީ މަދު ބައެކެވެ. އެހެންވެ، އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތަ އޭ
06 May 2020
މުއްސަނދިން ވަރަށް ޑްރާމާވެފަ ދެއްކުންތެރި ވާނެ.
ތިއައީވާމަވާ
06 May 2020
މާ ބޮޑު ހަބަރަކަށް ވަކި ބަޔަކު ކުރާ މަދު ކަމެއް ވާ ސަބަބެއް ހަމަ ނޭގެ. ތިޔަކު ނެއް ހިދުމަތުގަ ތިބި އަނެއް އެތައް ހާސް ބަޔަކާ ތަފާތު ކަމެެއް.
މިޔަރުބެ1އ
05 May 2020
ޓެސްޓު ހަދަނީ ލެބޯރެޓޮރީ ކުދިން. ސާމްޕަލް ކަލެކްޓުކުރާ ކުދިންނެއް ނޫން.
ކަންނެލިބެ1
06 May 2020
މީހަކު ބުނެފިތަ ސާމްޕަަލް ނަގާމީހުންނޭ ޓެސްޓު ހަދަނީ؟
މިޔަރުބެ
06 May 2020
އެކުއްޖާ މަންމަ ބުނެފަ އެއޮތީ އެހެން. ނޫސްވެރިޔާވެސް އެވާހަކަ ރިޕީޓް ކޮށްފަ އެއޮތީ.
ކާސިމު
05 May 2020
ތިޔަ ދަރިއަށާއި މައިންބަފައިންނަށް ހެޔޮދުއާ ކުރަން.. އަދި މިތާ "އަން ލައިކް" ބައެއް މީހުން ޖަހަން ޖެހޭ ސަބަބެއް ނުވިސްނޭތީ އަހާލަން...އިންސާނުން ސިފައިގަ ތިބި ޝައިތާނުންތޯ ތިއީ.. ތިފަދަ މީހުން ގެ ކިބައިން މިޤައުމު މިންޖު ކުރަށްވާށި...
ދޮންމަނިކުބެ
05 May 2020
ތިޔަފަދަ ކެރޭ ޢަޒުމް ވަރުގަދަ، ތިމާއަށް ވުރެން ބޮޑަށް އަނެކުންނާއި އަމިއްލަ ޤައުމަށް އިސްކަންދޭ ދަރިން މިޤައުމަށް ބޭނުންވަނީ. ތިޔަ ދަރިފުޅަށާއި ޢާއިލާއަށް ކެތްތެރިކަމާއި އަމާންކަން ދެއްވާށި. އާމިން
ރޭންޑަމް
05 May 2020
މިކަހަލަ ނުރައްކާތެރި ދަނޑިވަޅެއްގައި ދަރިފުޅު އެކަހަލަ މަސައްކަތެއްކުރަން ދޫކޮށްލަން ކޮންމެ މަޔަކަށްވެސް ދަތިވާނެ. މި އާރޓިކަލް އިން ބުނެދެން އެބޭނުންވީ މެޑިސިން ދާއިރާގައި މަސައްކަތް ކުރާ ހެލްތު ޕްރޮފެޝަނަލްސްގެ އިތުރުން މިދާއިރާގައި ތަޢުލީމު ހާސިލްކުރަމުންދާ ދިވެހި ދަރީންވެސް ކުރީ ސަފުގައި ހިތްވަރާ އެކު މަސައްކަތް ކުރަމުން ދާކަން. ﷲ އަޅަމެން އެންމެންނަށްވެސް ހެޔޮ ވިސްނުން ދެއްވާށި. އަދި މިބަލިން އަޅަމެން އެންމެން ރައްކާތެރި ކުރައްވާށި.
ޝާއިފީ މަ
05 May 2020
ޥަރަށް ވެސް ރަގަޅު މަން މަ އެއް. މަން މަގެ ހުވަފެން ހަގީގަތަކަށް އިރަަދަކުރެއްވިއްޔާ ވާނެ.
ދުޢާ ކޮށްދޭނަން
05 May 2020
ތިބާ ހާސްނުވާށެވެ! ﷲގެ ރަޙް މަތްފުޅުން ރީޢަތު އާއި އަދި ކޮވިޑާ 19 އާ ގާތުން ކުރި މަތިލާންޖެހިފައި ވާ އެން މެހައި ފަރާތްތައް އެކަ މުން ރައްކާތެރި ކުރައްވާނެ އެވެ. އާ މީން. ތިބާއަށް ނޭނގުނަސް، އަހަރެންފަދައިން ވަރަށްގިނަ ދިވެހިން އެ އެން މެންގެ ރައްކާތެރި ކަ މަށާއި، އެބަލި ތަޙަން މަލް ކުރަ މުންދާ އެން މެންނަށް ފުރިހަ މަ ޝިފާއެއް މިންވަރުކޮށް ދެއްވުމަ މަށް އެދި ﷲ ޙަޟްރަތަށް ދުޢާ ކުރާނެ އެވެ. ދަރިފުޅު ޙަވާލު ކުރަންވީ ޤައު މަކާއެއް ނޫނެވެ. ﷲ އާ އެވެ!
ޟިނާ
05 May 2020
އައިލަވްޔޫ ރީއަތު. ވިލް ޔޫ މެރީ މީ
ސަންފަގެއަލި
05 May 2020
ރީއަތު ތިކުރަނީ ވަރަށް އަގުހުރި ގައުމީ މަސައްކަތެއް. އެތައްބަޔަކަށް އެހީތެރިވެވެނީ. އަދި ތިޔައީ ހިތްވަރުގަދަ ކެރޭ ޒުވާން ކަނބަލެއް. މީހުން ކިޔާހުރިހައިއެއްޗަކަށް ވިސްނާ ފިކުރުކުރުމުގެ ބޭނުމެއްނެތް. ތިމާގެ ހިތްވަރާއި ނިޔަތްރަގަޅުވީމަ ހުރިހައިކަމެއް ރަގަޅުވީ. ތިޔަފަދަ ދިވެހިންނަށް ޓަކައި އަހަރުމެން ފަހުރުވެރިވަން.