ކައުންސިލަރުންގެ ދައުރު އިތުރުކުރާ ބިލްގެ މައްސަލަ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތް ޚާއްސަ ގާނޫނެއް ފާސްކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ޚިލާފް ބިލެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުމުން އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ބިިލެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލުގެ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ބަޔާންކޮށްފައި ވަނިކޮށް ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިންތިިޚާބުގެ އުސޫލުތަކަށް ގާނޫނުތަކުން ބަދަލު ގެނައުން އެ ކޯލިޝަނުން ބަލައިނުގަންނާނެ ކަމަށާއި އެހެންވެ، އެ މައްސަލަ އެ ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރަމުން ގެންދާ ވާހަކަ ވެސް ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ބިލަކީ ގާނޫނު އަސާސީ އަށް ގޮންޖަހައި، އެމްޑީޕީ އަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް އަދި ބޭނުން ގޮތަކަށް އިންތިޚާބުތަކާ ކުޅުމުގެ ދޮރު ހުޅުވަން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ އަމަލުތައް ހިންގަމުން ގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކަމަށާއި އެކަން ވަގުތުން ހުއްޓާލަން އެ ކޯލިޝަނުން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސް ކުރިއިރު، އަންނަ ޖޫން މަހު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ހަމަވާތީ މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު އެ ބިލް ފާސް ނުކޮށް، ޚާއްސަ ގާނޫނެއްގެ ބިލް މަޖިލީހަށް ހުށަހެޅީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮއްވާ ގާނޫނު އަސާސީ އިސްލާހު ކުރުން ރަނގަޅު ނޫން ކަމަށް ބުނެ އެވެ.