ޖޫން، 3 ގެ ކުރިން ދައުރު އިތުރު ނުކޮށްފި ނަމަ ކަންކަމުން އަރައިގަންނަން އުނދަގޫވާނެ: އުޝާމް

މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކޮށްފި ނަމަ، ދިމާވާނެ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސްކުރަން ޖެހުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން އޮތީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެކަމަކު ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރުމުގެ ބިލެއް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބަދަލު ނުގެނެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިހާރު ވަނީ ވިދާޅުވެފަ އެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ކުރެއްވި އެކަމާ ގުޅިގެން ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން އެ ބަދަލު ގެންނަން އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. އަންނަ މަހުގެ ކުރީކޮޅު ކައުންސިލް މެމްބަރުންގެ ދައުރު ހަމަވާ އިރު، އޭގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކުރެވިއްޖެ ނަމަ ދެން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުޝާމްގެ ޓްވީޓް

އުޝާމް އެގޮތަށް ވިދާޅުވިއިރު، ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލް މެމްބަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ހެދުމުގެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް، އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމަށް މަޖިލީހުން ފާސްކުރި ބިލް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ ގާނޫނު ބުނާގޮތުން އެ އިންތިޚާބު ދެން ބޭއްވޭނީ މާޗް 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރައްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމި، އާންމު ސިއްހަތުގެ ނުރައްކަލެއް ނެތްކަމަށް ކަނޑައެޅުމުންނެވެ.