ގެއްލުނު އެކަކު މިދިޔަ ހަފްތާއިން ފެށިގެން އޮތީ ވެންޓިލޭޓަރުގައި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ހަތް މީހަކު އުޅޭ ތަނެއް ނޭނގިގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަން ފަހުން އެނގުނު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.


މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވީ ތަނެއް ނޭނގިގެން ހޯދަމުން އައި މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ފެނިފައިވާ ކަމަށެވެ. މިހާރު ނުފެންނަނީ ތިން މީހެކެވެ. މި މީހުން ހޯދުމަށް ވަނީ ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

ވީނުވީއެއް ނޭނގިގެން އުޅެނިކޮށް ފަހުން ފެނުނު ހަތަރު މީހުންގެ ތެރެއިން އެކަކު އޮތީ އޭރު ވެސް ހާލު ބޮޑުވެގެން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރަށް ލާފައި ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.

މިރޭގެ ޕްރެސް ބްރީފިން އަށް ފަހު މަބްރޫކް ވިދާޅުވީ، އެެއީ ރަނގަޅު މައުލޫމާތެއް ކަމަށެވެ. އެކަމަކު އެ މީހާ ފަހުން ފެނުނު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ގެއްލިގެން ފުލުހުންނަށް އެންގުމުން، ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އިރު ވެސް އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. އޭނާގެ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލީ މިދިޔަ ހަފްތާގައި ކަން ވެސް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

މަބްރޫކް ވިދާޅުވީ، ވީތަނެއް ނޭނގިގެން މިހާރު ފުލުހުން ހޯދަމުން އަންނަ ތިން މީހުން ނުފެނިއްޖެ ނަމަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އެ މީހުންގެ ޒާތީ މައުލޫމާތު އާއްމު ކުރާނެ ކަމަށެވެ. ފުލުހުން މިހާރު އަންނަނީ އެ މީހުން ހޯދުުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޮޒިޓިވް ވެފައިވާ ކޭސްތަކެއް، ހަތް ކޭސް ޖުމްލަ. އެ ހަތް މީހުންނާ އަޅުގަނޑުމެންނަށް ގުޅޭނެ ގޮތް ނުވެގެން ޕޮލިހަށް އެޗްޕީއޭގެ ފަރާތުން އެ މައުލޫމާތު ހިއްސާކޮށްފައިވޭ. މި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ތަކުގައި އުޅެމުން ދިޔަ މީހުން. އަދި ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުން،" މަބްރޫކް ވިދާޅުވި އެވެ.

ކޮންޓެއިންމެންޓް ސައިޓްތަކަކީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭތީ ފުލުހުން ބަލަހައްޓަަމުން އަންނަ ތަންތަނެވެ. އެފަދަ 23 ތަނެއް ބަލަހައްޓަމުން އަންނަ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.