ޕީޕީއެމްގެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމް އައީ "ވަރަށް ދެރަ ގޮތަކަށް" ކަމަށާއި އެ ހުކުމް ގަބޫލު ނުކުރައްވާ ކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެންމެ ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް، ކައުންސިލް ބައްދަލުވުމެއް ބޭއްވެންދެން ޕާޓީގެ މުސްތަޝާރުގެ މައްޗަށް ބަދަލުކުރި ހުކުމާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އިސްތިއުނާފުން ގޮތެއް ނިމެންދެން އެއަށް އަމަލު ނުކުރުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.

"އެއީ ކޮންމެ މީހަކަށް ލިބިފައި އޮންނަ ހައްގެއް،" އިސްތިއުނާފަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ސިވިލް ކޯޓުގެ ޝަރީއަތް ޝެޑިއުލް ކޮށްފައި އޮތީ މިއަދު ތިނެއް ޖަހާއިރަށް ކަމަށާއި އެކަމަކު ހުކުމް އައީ ކުއްލިއަކަށް ކަމަށެވެ.

މައުމޫން ވިދާޅުވީ ކޯޓުގެ ހުކުމުގައި ބުނެފައި އޮތީ ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލު ކުރަން ކަމަށާއި އެކަމަކު ޕާޓީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން އެ މަގާމަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮތް ފަރާތެއް ނޫން ކަމަށެވެ.

ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް އަސާސީ ގަވައިދުގައި ބުނެފައި އެބައޮތް ކަމަށާއި، އެ މާއްދާތައް ވަކިވަކިން ވިދާޅުވެ މައުމޫން ވިދާޅުވީ އެއިން އެއްވެސް ހާލަތެއް އަދި ދިމާވެފައި ނެތް ކަމަށެވެ.

"ކުރިން ވެސް ދެންނެވިހެން ޕާޓީގެ މުސްތަޝާރަކީ ރައީސުލްޖުމްހޫރިއްޔާ. އެއްވެސް ގައުމެއްގައި ޕާޓީ ހިންގާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން،" މައުމޫން ވިދާޅުވި އެވެ. "މިއީ ކޯޓަށް ދާން ޖެހޭ ކަމެއް ނޫން. ކޯޓުގެ އިހުތިސާސްގެ ތެރޭގައި އޮންނަ ކަމެއް ވެސް ނޫން. ކޯޓަށް އަޅުގަނޑު އިހުތިރާމު ކުރަން. އެކަމަކު އެ ނިންމުން އަޅުގަނޑު ގަބޫލެއް ނުކުރަން."