ޖޭޕީން މަޖިލިސް ބޮއިކޮޓް ކޮށްފައިވާ ކަމަށް ބެލެވޭ: ނަޝީދު

އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އެކަމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ތުހުމަތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރައްވައިފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެދުތެރެއިން ނަޝީދު ވިދާޅުވީ، ތަޅުމުގައި ތިއްބެވި މެމްބަރުންނާއި ހާޒިރީ އަށް ބަލާއިރު ވެސް ޖުމްހޫރީ ޕާޓީން ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެކަމަކު، އޭގެ އިތުރުން އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުން ތިއްބަވާއިރު، އެ ޕާޓީން މަޖިލިސް ބޮއިކޮޓް ނުކުރާ ކަމަށް ފަހުން ބުންޏެވެ. މިއަދުގެ ޖަލްސާގައި ވެސް ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ނަޝީދުގެ ވާހަކަފުޅާ ގުޅިގެން އެ ޕާޓީން ފަހުން މީޑިއާތަކަށް ބުންޏެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަޖިލިސް ބޮއިކޮޓް ކޮށްފައިވާއިރު ނަޝީދު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.

މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދަންމަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު އިއްވެވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ނަޝީދުގެ އެންގެވުމަކަށް އެމްޑީޕީގެ ބައެއް މެމްބަރުން އުޅުއްވުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވައިފަ އެވެ. ޝިޔާމަށް އަނިޔާވީ ނަޝީދު އެންގެވި ގޮތަށް އެމްޑީޕީގެ މެމްބަރުން އަމަލު ކުރެއްވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެވެ. ޝިޔާމަށް އެމްޑީޕީގެ މެމްބަރުން އަނިޔާކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެ މައްސަލަ ފުލުހުން ބަލާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ނުކުންނަވައިފަ އެވެ.