13 ޖޫން 2020 - 20:10
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މުޅި ރާއްޖެއަށް ވެސް ވަރަށް ގަދަޔަށް ވައި ޖެހެމުން ދާތީ ރައްކާތެރިވެ ތިބުމަށް އަންގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ރީނދޫ އެލާޓް،ނެރެފި އެވެ.
މެޓުން ފުރަތަމަ ރީނދޫ އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށެވެ. މިއަދުގެ ހަވީރު 5:30 އިން މިރޭގެ 8:30 އާ ދެމެދު އެ ސަރަހައްދަށް އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ގަޑިއަކު 25 މެއިލާއި 30 މެއިލާ ދެމެދުގެ ބާރު މިނެއްގަ އެވެ. އަދި ވިލާގަނޑުގައި 55 މެއިލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެ އެވެ.
Alert Yellow for strong winds and rough seas. pic.twitter.com/sv1Zq0vxfI
— Maldives Meteorology (@MetMaldives) June 13, 2020
ހއ. އިން ތ. އަތޮޅާ ދޭތެރެއަށް ރީނދޫ އެލާޓް ނެރުން
މެޓުން ދެންމެ ނެރެނު އިތުރު ރީނދޫ އެލާޓެއްގައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވެސް ވަރަށް ވައިގަދަ ވާނެ ކަމަށް ލަފާ ކޮށްފަ އެވެ. މިރޭގެ 7:00 އިން 10:00 އަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެލާޓްގައި ބުނެފައިވެ އެވެ. އަދި ގަޑިއަކު 45 މެއިލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
Alert Yellow extended for the area between Laamu Atoll to Addu City. pic.twitter.com/Iy1ci6kKGu
— Maldives Meteorology (@MetMaldives) June 13, 2020
ލ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށް ރީނދޫ އެލާޓް ނެރުން
މެޓްގެ ޑިރެކްޓަރު އަހުމަދު ރަޝީދު، "މިހާރު" އަށް ވިދާޅުވީ މުޅި ރާއްޖެއަށް ރީނދޫ އެލާޓް ނެރުނީ ވައި ބާރުކަމުން ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދު ތެރެއަށް ވައި ބާރު ކަމަށާއި އެހެންވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ކަނޑުތައް ހުރަސްކޮށް ދަތުރު ކުރުން ރައްކާތެރިއެއް ނޫން މި ހާލަތުގައި. ވައި ގަދަވުމުން ކަނޑުތައް ވަރަށް ގަދަވާނެ،" އަހުމަދު ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގައި އާންމުކޮށް ވެސް ރާއްޖެއަށް 15 މެއިލާއި 20 މެއިލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހެ އެވެ. އަދި ވިލާގަނޑުގައި އެއަށް ވުރެ ގަދަކޮށް ވައި ޖެހެ އެވެ.
މާލޭގައި ވެސް ވައި ބާރުވެ ގަސްތައް ވެއްޓުން ފަދަ ގެއްލުންތައް ދަނީ ލިބެމުންނެވެ. ގަލޮޅު ރަތްވިލާ ގޯޅީގައި ހަދަމުން އަންނަ އިމާރާތެއްގެ ފާރު ވެސް ވަނީ ވެއްޓިފަ އެވެ. އެ އިމާރާތުގެ އެންމެ މަތީގައި ރާނާފައިވާ އެ ފާރު ވެއްޓުނީ ހަދަމުން އަންނަ އެހެން އިމާރާތެއްގެ މައްޗަށެވެ.
އަހުމަދު ވިދާޅުވީ ހުޅަނގު މޫސުން ނިމެންދެން ރާއްޖޭގެ އެކި ހިސާބު ތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވިލާގަނޑާއެކު ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް ފެށޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ކުރީކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީލީމަ
13 June 2020
ގައުމަށް ލިބޭހައި އެއްޗެއް މިތަނަށް ޚަރަދުކުރާއިރުވެސް ވާރޭފޮދެއް ވެހިލާއިރަށް ތިއޮތީ އޮތް ގޮތް