ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އިދާރާ އިން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެ ތަނުގެ މެއިންޓަނަންސް ބައިގެ މުވައްޒަފެކެވެ.

މަޖިލީހުގެ އިދާރާ އިން އެ ތަނުގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުގައި، އެ މުވައްޒަފު އެންމެ ފަހުން އޮފީހަށް ހާޒިރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެހެންވެ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް އޭނާއާ ބައްދަލުވި އެންމެން އެޗްއާރު ޑިޕާޓްމަންޓަށް އެކަން އެންގުމަށް މިހާރު ވަނީ އެދިފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން އާއި ޑިކޮންޓެމިނޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"މި ދެ ކަންތައް ނިމުމާ އެކު އަނެއްކާ ވެސް [މަޖިލިހުގެ އިދާރާ] ހުޅުވައިލެވޭނެ،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ހާލަތަށް ދިއުމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވާފައި ވަނީ އޮންލައިންކޮށެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން މިދިޔަ މަހުގެ މަހުގެ ފަހުކޮޅު އަނެއްކާ ވެސް މަޖިލިސް ތަޅުމުގައި ޖަލްސާތައް ބާއްވަން ވަނީ ފަށައިފަ އެވެ.

މެމްބަރުން ޖަލްސާތަކަށް ހާޒިރުވަނީ މާސްކު އަޅުއްވައިގެންނެވެ. މެމްބަރުން ޖަލްސާގައި ތިއްބަވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދުރުދުރުގަ އެވެ.