ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އިދާރާގެ 29 މުވައްޒަފަކު އެކަހެރިކޮށްފި އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން އާއި ޑިކޮންޓެމިނޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުދަ ދުވަހު ވަނީ ބުނެފަ އެވެ. މި ދެ ކަންތައް ނިމުނުހާ އަވަހަކަށް މަޖިލީހުގެ އިދާރާ އަލުން ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން، މަޖިލީހުގެ އިދާރާ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 29 މުވައްޒަފަކު ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން 11 މީހުންނަކީ "ކްލޯސް ކޮންޓެކްޓުން" ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމުން މާލެ ލޮކްޑައުން ކޮށްފައި އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވާފައި ވަނީ އޮންލައިންކޮށެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ޖަލްސާތައް ތަޅުމުގައި ބާއްވަން ވަނީ ފަށައިފަ އެވެ. ޖަލްސާތައް ބާއްވާފައި ވަނީ މެމްބަރުން މާސްކު އަޅައިގެން، ދުރުދުރުގައި ތިއްބަވައިގެންނެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ތަނުގައި މަސައްކަތް ފެށި އިރު ވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލައި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ބުދަ ދުވަހު ޕޮޒިޓިވްވެ، އޭނާއާ "ކްލޯޒް ކޮންޓެކްޓް" ވި 29 މުވައްޒަފަކު އެކަހެރި ކޮށްފައިވާއިރު، މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ ވެސް އެ ދުވަހު އެވެ. އެއީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފުތާއަކު ޖަލްސާ ބާއްވަންޖެހޭ އެންމެ ފަހު ދުވަހު އެވެ. އެހެންކަމުން ދެން ޖަލްސާތައް ފަށާނީ ގަވައިދުގައިވާ ގޮތުން އަންނަ ހޯމަ ދުވަހު އެވެ.

ނަމަވެސް މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް މިހާރު ބާއްވަނީ ކުރިއެކޭ އެއްގޮތަށް އޮންލައިން ކޮށެވެ.