ކޮވިޑް ފެތުރޭ މިންވަރު ބަލަން އެމްއެންޔޫ އިން ދިރާސާއެއް ފަަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރާއްޖޭގައި އެޅި ފިޔަވަޅުތައް ލުއިކުރުމުން މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރޭ މިންވަރު ބަލަަން ކުރާ ދިރާސާއެއްގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަށައިފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެމްއެންޔޫގެ ރިސާޗް ސެންޓަރުގެ ޑީން ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވީ ބަލިފެތުރިފައިވާ މިންވަރު ބަލަން ކުރާ ދިރާސާގައި ސާމްޕަލް ނަގާނީ ހައި ރިސްކް ގްރޫޕްތަކުންނާއި އެންމެ ފަސޭ އިން ބަލި އަރާނެ ކަމަށް ބެލެވޭ ގްރޫޕްްތަކުގެ މީހުންގެ ގައިން ކަމަށެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އާއްމުންގެ ތެރެއަށް ގިނައިން ނުުކުމެ މަސައްކަތް ކުރަން ޖެހޭ މީހުންގެ ސާމްޕަލްތައް ދިރާސާގެ ބޭނުމަށް ނަގާނެ ކަމަށްް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ ދިރާސާ އަށް ބޭނުންވާ ސާމްޕަލްތައް މިހާރު ވެސް ނަގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ދިރާސާގެ ބޭނުމަށް ފުރަތަމަ ހަފްތާފައި ނަގަން ޖެހޭ ސާމްޕަލްތަކުގެ 50 ޕަސެންޓް މިހާރު ނެގިފައިވާ ކަމަށެވެ.

ރަހީމާ ވިދާޅުވީ ދިރާސާގެ ބޭނުމަށް ދުވާލަކު 261 ސާމްޕަލް ނަގަން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ނަގާނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގައި އުޅޭ މީހުން، އުމުރުން ދުވަސްވީ މީހުން އަދި ޒުވާނުން ހިމެނޭ ގޮތުން ކަމަށެވެ.

"މި މީހުންގެ ސާމަޕްލަތައް ނެގެމުން، އޭގެ ނަތީޖާ ލިބެމުންދާ ވަރަކުން އަޅުގަނޑުމެން އޭގެ ޕްރިވެލެންސް ބަލަމުން ދާނީ. އޭގެ ނަތީޖާ ލިބެން ފެށީމާ އަޅުގަނޑުމެންނަށް އެނގޭނެ މިހާރު ކޮވިޑްގެ އަދަދުތައް ބަލައިލީމާ، ކިހާވަރަކަށްތޯ ފެތުރެމުން ދަނީ،" ރަހީމާ ވިދާޅުވި އެވެ.

އެމްއެންޔޫ އާއި އެޗްޕީއޭން ކުރިއަށް ގެންދާ އެ ދިރާސާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހަށް ދެމިގެންދާނެ އެވެ.

ރަހީމާ ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށި ފަހުން އެމްއެންޔޫ އިން ގިނަ ދިރާސާތަކެއް މިހާރުވެސް ކުރަމުން އަންްނަ ކަމަށާއި އޭގެ ތެރޭގައި އެ ބައްޔާ ހެދި އިޖުތިމާއީ އިގުތިސާދީ ގޮތުން އަންނަ ބަދަލުތަކާއި ނަފްސާނީ ގޮތުން އަންނަ ބަދަލުތައް ދެނެގަތުމަށް ކުރާ ދިރާސާތައް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް ކޮވިޑްގެ އަސަރު ކުރި މިންވަރާ ބެހޭ ދިރާސާއެއް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދިރާސާ އަކީ ރައްޔިތުންގެ މަޖިލީހުން އެދިގެން ކުރާ ދިރާސާ އެކެވެ.

ދިރާސާތައް ކުރުމުގެ އިތުރުން ވެސް އެމްއެންޔޫ އިން އަންނަނީ އެންއީއޯސީ އަށް ބޮޑު އެހީތެރިކަމެއް ދެމުންނެވެ. އެގޮތުން ޓްރޭނިން ދިނުމާއި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންް ހެދުން ފަދަ ކަންކަމުގައި ޔުނިވާސިޓީގެ 1،200 ދަރިވަރުންނާއި 300 އަށް ވުރެ ގިނަ ސްްޓާފުން ބައިވެރިވެފައިވާ ކަމަށް ރަހީމާ ވިދާޅުވި އެވެ.