އެޗްޕީއޭ- އެމްއެންޔޫގެ ދިރާސާ: ލޮކްޑައުން އަށް ލުއި ދޭން 67 ޕަސެންޓު މީހުން ތާއީދު

މާލެތެރެއަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ތިން މަހެއްހާ ދުވަހަށް އިއުލާން ކުރި ލޮކްޑައުން އަށް ލުއިދިނުމަށް 67 ޕަސެންޓު މީހުން ބޭނުންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.


ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް އެޗްޕީއޭ އާއި އެމްއެންޔޫ އިން ހަދާ ދިރާސާތަކުގެ ތެރެއިން މިއީ ދެވަނަ ދިރާސާ އެވެ. މި ދިރާސާގައި 2،517 މީހުން ބައިވެރި ކޮށްފައިވެ އެވެ.

އެންމެ ފަހުން އާންމުކުރި މި ދިރާސާގައި ބައިވެރިވި 64 ޕަސެންޓު މީހުން ބޭނުންވީ، މިދިޔަ އޭޕްރީލް 15 ން ތިން މަހެއްހާ ދުވަހަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައި އޮތް ލޮކްޑައުން އަށް ލުއި ދޭށެވެ. އޭގެ ތެރެއިން ދެ ޕަސެންޓު މީހުން ބޭނުން ވަނީ އެއްވެސް އުސޫލެއް ނެތި އާންމު ހާލަތަށް ރުޖޫއަ ކުރުމަށެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 50 ޕަސެންޓު މީހުން ތާއީދު ކުރީ އެކި ހަރުފަތްތަކަށް އުސޫލުތައް އެކުލަވާލައި ލުއި ދިނުމަށެވެ. ވަކި އުސޫލުތަކަކާ އެކު ލޮކްޑައުން އެއްކޮށް އުވައިލާން 15 ޕަސެންޓު މީހުން ބޭނުންވާއިރު ލޮކްޑައުންގައި ބޭއްވުމަށް ތާއީދު ކުރީ 33 ޕަސެންޓު މީހުންނެވެ.

ލޮކްޑައުން އަށް ލުއިތައް ދޭން ގިނަ ބަޔަކު ތާއިދުކޮށްފައިވާއިރު، 55 ޕަސެންޓު މީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 އަށް ޓެސްޓު ކުރާ މިންވަރު އަދިވެސް އިތުރު ކުރަން ޖެހެ އެވެ. އުސޫލުތަކަކާ އެކު ލުއިދޭއިރު އެ އުސޫލަށް އަމަލުކުރޭތޯ ރަނގަޅަން ބަލަން ޖެހޭނެ ކަމަށް 51 ޕަސެންޓު މީހުން ބުނެ އެވެ. އަޅާފައިވާ ފިޔަވަޅުތަކާ މެދުގައި އާއިލާތައް ބާރުވެރިކުރުވަން ޖެހޭ ކަމަށް 45 ޕަސެންޓު މީހުން ގަބޫލުކުރާއިރު، 35 ޕަސެންޓު މީހުން ދެކޭ ގޮތުގައު ލުއިތަކާ އެކު، އާންމުންނަށް ވަގުތުން ވަގުތަށް މައުލޫމާތު ދިނުން އިތުރަށް ހަރުދަނާ ކުރަން ޖެހެ އެވެ.

މި ދިރާސާގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފަ އެވެ. އޭގެ ތެރެއިން ތިން ޕަސެންޓު މީހުންނަށް ބަލި ޖެހިފައިވާއިރު، 85 ޕަސެންޓު މީހުންގެ ނަތީޖާ ނެގެޓިވް އެވެ. އަދި 12 ޕަސެންޓު މީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ.

މި ދިރާސާގައި ބައިވެރިވި 67 ޕަސެންޓު މީހުން މީހުން މާސްކް އަޅަ އެވެ، ސޯޝަލް ޑިސްޓެންސި އަށް ސަމާލުކަން ދެނީ 57 ޕަސެންޓެވެ. އަދި 69 ޕަސަންޓު މީހުން އަތް ދޮވުމަށް ސަމާލުވެ އެވެ.

ރާއްޖެ އިން މިހާތަނަށް 2،899 މީހުން ޕޮޒިޓިވްވެފައިވާއިރު އެއީ 1،207 ދިވެހިންނާއި 1،692 ބިދޭސީންނެވެ. މީގެ ތެރެއިން 15 މީހުން މަރުވެފައިވާއިރު، 2،339 މީހުން ވަނީ ބަލި ރަނގަޅުވެފަ އެވެ.