ރިޔާސީ ކޮމިޝަނެއް އުފައްދައި މުއައްސަސާތަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލަން ފެށިތާ ދޮޅު އަހަރުވީ އިރު ވެސް ނަތީޖާ ނުނެރެވުނު ކަމަށާއި އިންސާފުވެރިކަމާ އެކު، މި ސަރުކާރުން އެ މައްސަލަ ތަހުގީގު ނުކުރާނެ ކަން ޔަގީން ވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ، މުއައްސަސާތަކުގެ ވެރިންގެ ވާހަކަތަކަށް ބަލާއިރު، މައްސަލައިގެ ފުނަށް ވާސިލް ނުވެވޭނެ ކަން ސާފު ކަމަށެވެ.
ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ބަލަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. މި މުއައްސަސާތަކުން ވަނީ، ހިޔާނާތުން މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި، މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމްތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރަކު ހިމެނެ އެވެ.
ޝަމީމް، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު 260 އަށް ވުރެ ގިނަ މީހުން ހިމެނޭ ލިސްޓުގައި ސިޔާސީ ވެރިން ހިމެނޭ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަދީބު އިސްވެ ހުންނަވައި އެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ކުރިން ވަނީ ބުނެފަ އެވެ.
ޝަމީމްގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ސައްހަކޮށް މުއާމަލާތް ކޮށްފައި ހުރި ނަމަ ދައުވާ ނުކުރާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމުން ސުވާލު އުފެދޭ ކަމަށެވެ. ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މި ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވުމުން އިންސާފުވެރިކަމާ މެދު މައްސަލައިގެ ތަހުގީގު ކުރިއަކަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވަންނާނެ ކަމުގެ ޔަގީންކަން ޕީޖީ ޝަމީމް ދެއްވިއަސް އާދަމް ޝަރީފް އެކަން ގަބޫލެއް ނުކުރައްވަ އެވެ. މިނިވަންކޮށް އެ ތަހުގީގު ކުރިއަށް ގެންދަން ހަވާލުކުރި ރިޔާސީ ކޮމިޝަނަށް ނަތީޖާ ނުނެރެވި ދިގުލައިގެން ގޮސްފައިވާ ސަބަބާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
އާދަމް ޝަރީފް ތުހުމަތު ކުރައްވާ ގޮތުގައި، ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިފައިވާއިރު، ދެ ބާރުގައި ވެސް ޚިޔާނާތުގެ ފައިސާ ލިބުނު ބަޔަކު ތިބުމުން، އެއްވެސް އިދާރާއަކުން މިނިވަންކޮށް މައްސަލައެއް ނުބެލޭނެ އެވެ.
"ބޮޑު ދެ ބާރު، [ސަރުކާރާއި މަޖިލިސް ] އެއްވެފައި މިއޮތީ. އިންސާފުވެރިކަމާ އެކު ތަހުގީގާއި ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ބޮޑު ލަދަކާ ކުރިމަތިލާން ޖެހޭނެ. މައްސަލައިގެ އިންސާފަށް ވާސިލްނުވެވޭނީ މި ސަބަބުތައް ހުރީމަ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާގެ ނަން ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ތުހުމަތު ކުރެވޭ ބޮޑު ލިސްޓެއް އޮތް ކަމަށް ބުނެ، އޭގައި ހިމެނޭ މީހުންގެ ތަހުގީގު އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ނުގެންގޮސް ދިގުދެންމުމަކީ ވެސް މައްސަލަ އެކެވެ. އެ ލިސްޓުގައި ނަން އޮތް ކަމުގެ ތުހުމަތުކޮށް ސިޔާސީ ގޮތުން އެ މީހަކާ ދިމާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ހިޔާނާތުގެ ތަހުގީގުގައި ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް ބަލައި، އެ ރަށްތަކާ މެދު އަމަލުކުރެވިދާނެ ގޮތްތަކުގެ ލަފާތަކެއް ދީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެކަމަކު މި މައްސަލަތަކުގައި އިންސާފަށް ވާސިލްވެވިދާނެ ކަމާ މެދު އުފެދިފައިވާ ސުވާލުތައް ގިނަ އެވެ.
އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިސް ދައުރެއް އޮތް އަދި އެތައް ބަޔަކަށް މަންފާވި ހިޔާނާތުގައި ހަމައެކަނި ޔާމީން ޖަލަށް ލައި އެހެން އެންމެން މިނިވަން ވެފައި ތިބި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.