ކުރީގެ ރައީސް މުހައްމަދު ވަހީދު، އިިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރަކަށް ހަމަޖައްސަން އެ ޕާޓީން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމާ ގުޅިވަޑައިގެންނެވި ވަހީދު ހަމަޖައްސަނީ އެ ޕާޓީގެ ޚާއްސަ އެޑްވައިޒަރަކަށެވެ.

ޕީޕީއެމްގެ ޚާއްސަ ނިއުސް ބްރީފިންއެއް މިރޭ 9 ޖަހާއިރު ބާއްވަން ނިންމާފައިވާއިރު، ބެލެވޭ ގޮތުގައި ވަހީދުގެ ޚާއްސަ މަގާމު އިއުލާން ކުރާނީ އެ ބްރީފިންގަ އެވެ. ނިއުސް ބްރީފިން އޮންނާނީ މ. ދިމްޔާތުގަ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާއިރު، އެ ޕާޓީ ހިންގުމުގައި މިހާރު އިސްކޮށް ތިއްބެވީ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސް ވަހީދަށް ޕީޕީއެމްގެ ޚާއްސަ މަގާމެއް ދެނީ ބެލެވޭ ގޮތުގައި، އެ ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދަކީ ޔާމީން އާއި ޕީޕީއެމާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ އިސްތިއުފާއާ އެކު، ދޮޅު އަހަރު ވަންދެން ވަހީދު ވެރިކަން ކުރެއްވީ ޕީޕީއެމާއި ޔާމީންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގަ އެވެ. އެއީ އޭރު ވެރިކަން ކުރި ކޯލިޝަން ޕާޓްނަރުންނެވެ.