އެއްވުމާ ގުޅިގެން ވަހީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމާ ގުޅިގެން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފުލުސް އޮފީހަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.


މިދިޔަ ޖޫން 22 އިން ފެށިގެން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ވަހީދު "މިހާރު" އަށް ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް ކަމަށެވެ. އެގޮތަށް އެ މަނިކުފާނަށް ފުލުހުން އެންގީ، ވަހީދު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުންގެ ޓީމެއް މިއަދު ގޮސްގެންނެވެ.

"ފުލުހުން ޗިޓެއް ނުފޮނުވާ. ފުލުހުންގެ ބޭފުޅުން ގެ އަށް ވަޑައިގެން އަޅުގަނޑާ ބައްދަލު ކޮށްފައި ވިދާޅުވީ، އެ ދުވަހުގެ ހަރަކާތާ ގުޅިގެން ސުވާލެއް ކޮށްލުމަށް ފުލުހުސް އޮފީހަށް ހާޒިރުވެ ދިނުމަށް. ދެން އެ ބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ވެސް ކުރައްވާނެ ނޫންތޯ،" ވަހީދު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހަރަކާތުގައި ވަހީދު، މާސްކު ނާޅުއްވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާއިރު، އެ މަނިކުފާނު ވިދާޅުވީ، އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރެއްވި ގަޑީގައި ނޫނީ ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުން ކުރިއަށް ގެންދިޔައިރު، ވަހީދު މާސްކު އަޅުއްވައިގެން: ވަހީދު ވިދާޅުވީ، ހުކުރު ދުވަހުގައި އެއްވުމުގެ ބައިވެރިންނާ މުޚާބަތު ކުރެއްވި ގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށް---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އެ ބޭފުޅުންނާ ވާހަކަ ދެއްކި ވަގުތު މާސްކު ތިރިކޮށްލިން. އެހެން ނޫނީ އެހެން ގަޑިތަކުގައި ހުރީ މާސްކު އަޅައިގެން. އަނެއްކާ އަޅުގަނޑު ވާހަކަ ދައްކަން ހުއްޓި ހުރީ ވެސް [ޕީޕީއެމްގެ] އޮފީހުގެ އެތެރޭގައި،" ޕީޕީއެމްގެ އޮފީހުގެ ދޮރުމަތިން ކޮންމެވެސް ވަރަަކަށް އެތެރޭގައި ހުންނަވައިގެން ވާހަކަފުޅު ދެއްކެވި ވަހީދު ވިދާޅުވި އެވެ.

ވަހީދުގެ އިތުރުން، ސައިކަލްބުރުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް މިރޭ ހަތެއް ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާން ރޭ ވަނީ ޗިޓު ފޮނުވައިފަ އެވެ.

މިކަމާ ގުޅިގެން، ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރުކޮށް، ބިރު ދެއްކިޔަސް ކޯލިޝަންގެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރަން އެ ބޭފުޅުން ނުކުންނެވީ މި ސަރުކާރުގެ އަނިޔާވެރިކަން އެނގިވަޑައިގެން ތިއްބަވައިގެންނެވެ.

"ނުހައްގުން ހައްޔަރު ކުރާނެ ކަމާއި ހުކުމް ވެސް ކޮށްފާނެ ކަމަށް ބަލައިގެން. މިއީ ދިވެހި ލޭ ހިނގާ ދިވެހި ދަރިން،" އޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އެއްވުމާއި ސައިކަލްބުރާ ގުޅިގެން ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ކޮވިޑުން ރައްކާތެރިވުމަށް، އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ސަރުކާރުން މަޖުބޫރު ކޮށްފައިވާއިރު، އެއާ ޚިލާފަށް ބައެއް މީހުން ތިބުމާއި ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ދީފައި ނެތުމެވެ.