ޕީޕީއެމްގެ ރައީސް މައުމޫން: އެ ޕާޓީގައި އެމަނިކުފާނު އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވާފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
20 އޮކްޓޯބަރ 2016 - 10:06
ވެރިކަން ކުރާ ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގެ ތެރެ އަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަދައްހުލުވެވަޑައިގެންފި އެވެ.
މައުމޫންގެ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްތިއުނާފް މައްސަލައިގެ ތެރެ އަށް ވަދެވަޑައިގަތުމަށް މައުމޫން މިއަދު ހައި ކޯޓަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ ކުރި އަށް ގެންދަވަނީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒެވެ.
ޕީޕީއެމް އިސްތިއުނާފް މައްސަލަ ޝެޑިއުލްކޮށްފައި އޮތީ މިއަދު ހެނދުނަށެވެ.
ޚިޔާލު ތަފާތުވުންތަކުގައި ދެ ބައިވެފައިވާ ޕީޕީއެމް އަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ އައްބާސް ވާފިރު، ސ. ހުޅުދޫ ފެންފިޔާޒުވިލާ އެވެ. އައްބާސް އަކީ، ބައެއް މީހުން ބުނާ ގޮތުގައި، ޕީޕީއެމްގެ އާންމު މެމްބަރެކެވެ. އަދި ޕީޕީއެމްގެ މައްސަލަ ސިވިލް ކޯޓަށް ވެއްދި ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދާ ވެސް ކައިރި މީހެއް ކަމަށްވެ އެވެ.
އޭނާ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކުރަމުން ދަނިކޮށެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ޔާމީނަށް ލިބިވަޑައިގަތީ، ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް 24 ގަޑިއިރުގެ ތެރޭގައި ބާއްވަން މިދިޔަ އާދިއްތަ ދުވަހު ކޯޓުން ހުކުމް ކުރުމުން އޮތް ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްވެގެންނެވެ. އެ ކައުންސިލް ބޭއްވީ ރައީސް ޔާމީން އިސްކޮށް އިންނަވައިގެން، ކައުންސިލްގައި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ހިމެނޭ ގޮތަކަށެވެ. ޕީޕީއެމްގެ ކައުންސިލްގެ 35 މެމްބަރުންގެ ތެރޭގައި، ކޯރަމް ހަމަވާ ވަރަށް ޕާޓީގެ ރައީސް މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުން ވެސް އެބަ ތިއްބެވި އެވެ. އެހެންކަމުން މައުމޫން ވެސް ގެންދަވަނީ އެ މެމްބަރުންނާ އެކު ކައުންސިލް ބައްދަލުވުންތައް ބާއްވަވަމުންނެވެ. ސިވިލް ކޯޓުގެ ހުކުމް މައުމޫންގެ ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމުމުގެ ކުރިން ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ނުކުރާނެ ކަމަށް މައުމޫންގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
20 October 2016
މައްސަލަ ކޯޓަށް ވެއްދީ ޝާހިދާ ތޯއެވެ؟ ނުވަތަ ޝާހިދު ތޯއެވެ؟
ސިރާޖު
20 October 2016
މަތް ﷲ ގެ ސާލިހް އަޅުންގެ ތެރެއިން މަނިކުފާނު ލައވަވައިދެންވައި، މަނިކުފާނަށް ކާމިޔާބީއާއި ނަޝްރު މިންވަރު ކޮށްދެންވަވާށިއެވެ. އާމީން.
މުސާފިރު
20 October 2016
ޙުކުމް އޮތީ މާކުރިން ނިމިފަ. ލޯޔަރަކަށް ކިތަންމެ މަތީ ބޭފުޅަކު ދިޔަޔަސް އެކަމކުން ވާނެ ފައިދާއެއްނެތް. ސަބަބަކީ ޤާޒީން ލޯޔަރުންދައްކާ ވާހަކައަށް ރިއާޔަތް ކުރާތަން ނުފެންނާތީ.
ސަލީމު
20 October 2016
ކަމާ ނުބެހޭ މީހަކު މައްސަލަ އިސްތިއުނާފު ކުރިގޮތް އަދި ސަބަބު ސާފު ކޮށްލަ ދޭނެ ނޫސްވެރިއަކުވެސް ނެތީތަ؟