ކޯޓުން ދޫކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށް މައުލޫމާތު އާންމުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ނެތުމުން ކަމަށް ބުނެ ކޯޓުން އިއްޔެ ދޫކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ކޯޓުން މި އަމުރު ނެރެދިނުމާ އެކު ފުލުހުން ވަނީ އެ މީހާގެ މައުލޫމާތާއި ފޮޓޯ އާންމުކޮށްފަ އެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އޮޅުވާލައި، ބްލެކްމެއިލްކޮށް، ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުނައިސް އަހްމަދު ކިޔާ މީހެއް ކަމަށެވެ. އެއީ ބ. ތުޅާދޫ މީހެކެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކުރެވޭ އެ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ އެންގީ އެ މީހާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެ ލިސްޓުގައި ނުހިމެނޭ ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އާއި އެ މީހާ 15 ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އެ މީހާ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އަދި އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ފަނޑިޔާރު އެހެން ގޮތަކަށް ނިންމަންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.

އޭނާ ބަންދު ކުރަން އަމުރު ނެރުއްވީ އިއްޔެ އޭނާ ދޫކޮށްލަން ވެސް އަމުރު ނެރުއްވި ގާޒީ އާދަމް މުހައްމަދެވެ.

އެ މީހާ ބަންދުކުރަން އަމުރު ނެރުނުއިރު، އެކަން ހިނގި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެެޓީން ވެސް މިއަދު ވަނީ ނިންމައިފަ އެވެ. އެ ކޮމެޓީގެ މެމްބަރުން ވެސް ވިދާޅުވެފައިވަނީ ގާނޫނުގެ މައްސަލައެއް ނެތް ކަމަށާއި އެއީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ގިނަ މެމްބަރުން ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ.

ހައި ކޯޓުން ދާދިފަހުން ކަނޑައަޅާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގެ ލިސްޓުގައި ނުހިމެނޭ ކުށްތަކުގައި އެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. ގެ ދަށުން 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރެވޭނެ ކަމަށެވެ. އެކަމަކު 60 ވަނަ މާއްދާގެ ނ. ގެ ދަށުން ކުދި ކުށްތަކުގައި ޝަރީއަތް ނިމެންދެން ވެސް ބަންދުގައި ބަހައްޓަން ހުރަހެއް ނޯވެ އެވެ. އެ މީހާ އަލުން ބަންދު ކުރަން މިއަދު އަމުރުކުރީ 60 ވަނަ މާއްދާގެ ނ. ގެ ދަށުންނެވެ.