ޖެނީވާ (ޖުލައި 4) - ކޮރޯނާވައިރަސް ފެތުރުނު ގޮތުގެ ހަގީގަތް ހޯދުމަށާއި ވައިރަހާ ގުޅޭ މައުލޫމާތު ދުނިޔެ އަށް ހާމަކުރިލެއް ޗައިނާ އިން މާލަސްކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް މި ހަފުތާގައި ޗައިނާ އަށް ދިއުމަށް ނިންމައިފި އެވެ.

ވައިރަހުގެ ހަގީގަތް ޑަބްލިއުއެޗްއޯ އިން މި ހޯދަނީ "ވައިރަލް ނިއުމޯނިއާ" ފެތުރޭކަން ވޫހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ޗައިނާގައި ހުންނަ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހަށް އެންގިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ޑރ. ސުމިއާ ސްވަމިނާތަން ވިދާޅުވީ ޑަބްލިއުއެޗްއޯގެ ޓީމުގެ ތަހުގީގަށް ފަހު ވައިރަހުގެ ހަގީގަތް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިހާރު އެންމެ މުހިންމު ކަމަކީ ކޮރޯނާވައިރަސް އުފަންވި ތަނަކާއި އުފަންވި ގޮތެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ހަގީގަތް ހޯދަން ޑަބްލިއުއެޗްއޯގެ ޓީމެއް ޗައިނާ އަށް ފޮނުވުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދޮނަމް ގެބްރެޔެސުސް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޖެނުއަރީ 29 ގައި އެއްބަސްވެވަޑައިގެންފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭކަން ޗައިނާ އިން ޑަބްލިއުއެޗްއޯ އަށް އަންގާފައި ވަނީ ޑިސެމްބަރު 31 ގަ އެވެ. ބަލި ފެތުރެނީ ނޮވެލް ކޮރޯނާވައިރަހުން ކަމަށް ޗައިނާ އިން ގަބޫލްކުރާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ޖެނުއަރީ 9 ގަ އެވެ. ޗައިނާގައި ފެތުރޭ ކޮރޯނާވައިރަހަށް ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 ގެ ނަން ދީފައި ވަނީ ފެބްރުއަރީ 11 ގަ އެވެ.