ވޫހާން (ފެބްރުއަރީ 3) - ކޮރޯނާވައިރަސް އުފެދިގެން އައި ގޮތް ތަހުގީގު ކުރާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އިންސްޕެކްޓަރުންގެ ޓީމު ޗައިނާގެ ވޫހާން ސިޓީގެ ލެބޯޓްރީ އަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
އެމެރިކާގެ ކުރީ ސަރުކާރުގެ އޮފިޝަލުން ތުހުމަތުކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސް ލީކުވެފައި ވަނީ ވޫހާންގެ ލެބުންނެވެ.
ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އަކީ އެންމެ ނުރައްކާތެރި ބަލިތައް ތަހުލީލުކުރާ ލެބޯޓްރީ އެވެ. އިންސްޕެކްޓަރުންގެ ޓީމު އެ ލެބަށް ކުރާ ޒިޔާރަތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ޑަބްލިއުއެޗްއޯގެ ޓީމުން ހޯދަން ބޭނުންވާ ކަމަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވައިރަސް ފޯރީ ކިހިނެއްތޯ އެވެ. އެކަމަކު ވައިރަސް ފެތުރެންފެށިތާ އެހާ ގިނަ ދުވަސްތަކެއްވެފައިވާތީ ވައިރަހުގެ އަސްލު ހޯދަން ފަސޭހަ ނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ކޮރޯނާވައިރަސް ފެތުރޭކަން ވޫހާން އިން ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކޮށްފައި ވަނީ ޑިސެމްބަރު 31، 2019 ގަ އެވެ.
ސައެންސްވެރިން ގަބޫލް ކުރަނީ ވޫހާން އިން ފެނުނު ވައިރަސް އިންސާނުންނަށް ފޯރާފައި ވަނީ ވާލުގެ ޒަރިއްޔާ އިން ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ވައިރަސް އުފެދިގެން އައީ ވޫހާންގައި އެއްގަމު މަސް ވިއްކާ މާރުކޭޓަކުންނެވެ. އަދި ވޫހާންގެ ބަޔޯސޭފްޓީ ލެބަކުން ވައިރަސް ބޭރުވި ކަމަށް ބުނާ ބަޔަކު ވެސް އުޅެ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް ހެއްކެއް ހޯދިފައެއް ނުވެ އެވެ.
ޗައިނާ އިން ގަސްދުގައި ވައިރަސް ލީކުކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެއްވި ފަރާތަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ ވޫހާންގެ ލެބުން ވައިރަސް ބޭރުވި ކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 104 މިލިއަން މީހުން ޕޮޒިޓިވްވެ 2.2 މިލިއަން މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 76.2 މިލިއަން މީހުންނެވެ.