ވޫހާން (ޖެނުއަރީ 6) - ކޮރޯނާވައިރަސް ފެތުރުނު ގޮތުގެ އަސްލު ތަހުގީގު ކުރާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޓީމު ޗައިނާ އަށް އެތެރެވުމަށް ހުރަސް އަޅައިފި އެވެ.
ވައިރަސްގެ އަސްލު ތަހުގީގު ކުރުމަށް ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގެ ދެ މެންބަރުން ޗައިނާ އަށް ދަތުރު ފެށުމުން އޭގެ ތެރޭން އެއް މެންބަރަކު އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އަނެއް މެންބަރު ހުރީ ތިން ވަނަ ގައުމެއްގައި ޓްރާންސިޓްގަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ތަހުގީގު ޓީމު ޗައިނާ އަށް ނުވަދެވިގެން އުޅެނީ ވިސާ ކްލިއަރެންސް މައްސަލައެއްގައި ކަމަށެވެ.
ޑަބްލިއުއެޗްއޯއާ އެތައް ދުވަހަކު މަޝްވަރާ ކުރުމަށް ފަހު ޗައިނާ އިން ވަނީ ވައިރަސް ފެތުރުނު ގޮތުގެ އަސްލު ތަހުގީގު ކުރުމަށް ޑިސެމްބަރު މަހު އެއްބަސްވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރޭކަން އެންމެ ފުރަތަމަ ރިޕޯޓްކުރީ ޗައިނާގެ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސް އިން ޑިސެމްބަރު 31، 2019 ގަ އެވެ. ފުރަތަމަ ބެލެވިފައި ވަނީ ވައިރަސް ފެތުރުނީ އެއްގަމު މަސް ވިއްކާ މާރުކޭޓަކުން ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ތަހުގީގު ޓީމަށް ޗައިނާ އަށް އެތެރެނުވެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން މަސައްކަތް ކުރަމުން ދިޔައީ، ވައިރަސްގެ އަސްލު ތަހުގީގު ކުރުމަށް، ބައިނަލްއަގުވާމީ ތަޖްރިބާކާރުން ހިމެނޭ 10 މެންބަރުންގެ ޓީމެއް ޗައިނާ އަށް ފޮނުވާށެވެ. ޖެނުއަރީ މަހު ތަހުގީގު ފަށާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ މިދިޔަ މަހު އިއުލާންކޮށްފަ އެވެ.